އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫ ގުޅުވައިލުމަށް ކުރި ފުޅާ ދިރާސާތަކަށްފަހު، އެ ދެ ރަށް ބްރިޖަކުން ގުޅުވައިލުމަށް ނިންމައި، ބްރިޖުގެ ކޮންސެޕްޓް ޑިޒައިން މިހާރު ތައްޔާރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗަރ އިން 'އެކްސް' ގައި ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ މަޝްހޫރު ކުންފުނި ޓީވައިލިން އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ދިރާސާތަކުން ދައްކާގޮތުގައި، މި ދެ ރަށް ގުޅުވާލުމަށް ހުރިހާ ގޮތަކުންވެސް އެންމެ އެކަށީގެންވަނީ ބްރިޖު ކަނެކްޝަނެކެވެ. މި މަޝްރޫއަށް މައިގަނޑު ތިން ރޫޓެއް ދިރާސާކުރުމަށްފަހު، އެންމެ ކާމިޔާބު ރޫޓެއް ކަމަށް ކަނޑައަޅާފައިވަނީ ހަތަރު ބްރިޖު ކްރޮސިން ހިމެނޭ ރޫޓެވެ.
މީގެ އިތުރުން، ބްރިޖު އެޅުމަށް އެންމެ ރަނގަޅު ޑިޒައިނެއް ހޯދުމުގެ މަސައްކަތް ޓީވައިލިން އިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ފްލޯޓިން ބްރިޖާއި، ކޮންޓިނުއަސް ރިޖިޑް ފްރޭމް ގާޑަރ ބްރިޖުގެ އިތުރުން ކޭބަލް ސްޓޭޑް ބްރިޖުގެ މޮޑެލްތައް ދިރާސާކޮށް، އެންމެ ފުރިހަމަ ސުޕަ ސްޓްރަކްޗަރ އަދި ސަބް ސްޓްރަކްޗަރ އެކުލެވޭނެ ގޮތްތައް ބަލަމުންދާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ބްރިޖު ކޮންސެޕްޓް މިހާރު އެއްކޮށް ނިމިފައިވާއިރު، ބްރިޖު އެޅުމަށް ބޭނުންވާ ޖިއޯ-ޓެކްނިކަލް މަސައްކަތްތައް ކުރިއަށް އޮތް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ