ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާމެދު ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ހެނދުނު 10:30 ގައި ސުޕްރީމް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވާ މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ މި ބެންޗުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ރެފެރެންޑަމް ހުއްޓުވުމަށް އެދި މި މައްސަލަ ކޯޓަށް ވެއްދީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަޙްމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމްއެވެ.
އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މި ދުސްތޫރީ މައްސަލަ ރައްދުވަނީ ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށެވެ.
ކޮމެންޓު ފޮނުވާ