ފާއިތުވި އަހަރު ބީއެމްއެލްއިން ޑޮލަރު ވިއްކި މިންވަރު 70 ޕަސެންޓް އިތުރުވެއްޖެ

ފާއިތުވި އަހަރު ބީއެމްއެލްއިން ޑޮލަރު ވިއްކި މިންވަރު 70 ޕަސެންޓް އިތުރުވެއްޖެ

Author
ހުސެއިން
25 މާރޗް 2026 01:38
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފާއިތުވި އަހަރު ޑޮލަރު ވިއްކި މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 ޕަސެންޓް އިތުރުވެއްޖެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފު ފާހަގަކުރެއްވި ގޮތުގައި، 2025 ވަނަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޖުމްލަ 565 މިލިއަން ޑޮލަރު އެ ބޭންކުން ވަނީ ވިއްކާފައެވެ. މިއީ ކާޑުތަކުގެ ލިމިޓަށް ގެނެވުނު ލުއިތަކާއެކު ކަސްޓަމަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، އޭޓީއެމް އާއި ޕީއޯއެސް އަދި އީކޮމާސް މެދުވެރިކޮށް ބީއެމްއެލް ކާޑުތަކުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ މުއާމަލާތްތަކުގެ އަދަދު ވަނީ 524 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށްވުރެ ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، ވިޔަފާރިތަކަށް ބޭނުންވާ ޓީޓީ ހެދުމުގައިވެސް ބޭންކުން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. އެގޮތުން ކުރިން ޓީޓީއަށް ޑޮލަރު ދޫކުރަމުން އައި 5 ޕަސެންޓުގެ ނިސްބަތް، ފާއިތުވި އަހަރުގެ ތެރޭގައި ވަނީ 50 ޕަސެންޓާ ހަމައަށް އިތުރުކޮށްދީފައެވެ. ޝަރީފު ވިދާޅުވީ ބޭންކުން ގެނައި މި ހެޔޮ ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކުގެ އިތުރުން ބޭންކަށްވެސް އޭގެ ހެޔޮ މަންފާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.