މަހާނަތައް ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގައިފި

މަހާނަތައް ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
26 މެއި 2022 08:27
0

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް ފޮނުވާފައިވާ ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

ޖަމާއަތްތެރިން ކިޔައިދިން ގޮތުގައި މި ކަން ކޮށްދޭ މީހުުން އެކި ޕެޖޭކުތައް ގެންގުޅެ އެވެ. އާދައިގެ ގޮތަކަށް، ރާނައިދޭ ނަމަ އެކަން ކޮށްދެނީ 1،500ރ. އަށެވެ. މޮޅު ފެންވަރަށް މުށި ޖަހައިގެން ނަމަ 3،500ރ. އަށެވެ. މަހާނަ އަށް ވެލި އަޅައިދެނީ 300ރ. އަށެވެ. އަދިވެސް ބައެއް ޕެކޭޖުތައް ހުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށެވެ. އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެގޮތުން ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މީގެ އިތުރުން މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ފަހަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގައި މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ކަމެކެވެ. މިކަމާމެދު ބައެއް ދީނީ އިލްމުވެރިންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.