މިފަސް ގަނޑުގައި އިންޑިއާގެ ސިފައިންނަށް ނުތިބެވޭނެ ކަމުގައި ސަލަފްގެ އިސް މެމްބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން "ބާކީ ނުވޭ" ކެމްޕެއިނެއް ފެށުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް އަމާޒުވެފައި ވަނިކޮށެވެ.
ރާއްޖޭގައި އެއްވެސް ޤައުމެއްގެ އަސްކަރީ ސިފައިން ތިބުމާއި އަބަދުވެސް ދެކޮޅު ހައްދަވާ އަލީ ރަމީޒު މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެކަމަށެވެ. އަދި އަޅުވެތި ކަމަކަށް ރުހެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެެވެ.
އިންޑިއާ ސިފައިންނަށް މިޤައުމުގައި ނުތިބެވޭނެ. އަޅުވެތިކަމަކަށް ނުރުހެވޭނެ. އިންޑިއާ އައުޓް.
– އަލީ ރަމީޒު ކުރި ޓުވީޓުގައި ވެއެވެ.
ސަރުކާރު ހިންގާ އެމްޑީޕީން ހިންގާ މިކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިކެމްޕެއިންގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުން މީސް މީޑިއާގައި ކެމްޕޭނެއް ފަށައިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ މިކެމްޕޭންގައި ބައިވެރިވާން ފަށާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ. "އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.
ކޮމެންޓު ފޮނުވާ