އދ. ގެ މަޖިލީހުގައި ނަތަންޔާހޫ ތަގުރީރުކުރައްވަން ފެއްޓެވުމާއެކު ގިނަ ވަފުދުތައް މާލަމުން ނުކުމެއްޖެ

އދ. ގެ މަޖިލީހުގައި ނަތަންޔާހޫ ތަގުރީރުކުރައްވަން ފެއްޓެވުމާއެކު ގިނަ ވަފުދުތައް މާލަމުން ނުކުމެއްޖެ

Author
އަހުމަދު
24 ސެޕްޓެމްބަރ 2026 11:59
0

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރައްވަން ސްޓޭޖަށް އަރައިވަޑައިގަތުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކުގެ ވަފުދުތައް މާލަމުން ނުކުމެއްޖެއެވެ. މިކަމާ ގުޅިގެން ނަތަންޔާހޫއަށް ތަގުރީރު ދެއްވަން ޖެހުނީ ގާތްގަނޑަކަށް ހުސްވެފައިވާ މާލަމަކަށެވެ.

ތަގުރީރުގައި ނަތަންޔާހޫ ވިދާޅުވީ، އެމެރިކާއާ ގުޅިގެން އީރާނުގެ އެއްގަމު، ކަނޑު އަދި ވައިގެ ސިފައިންނާއި ނިއުކްލިއަރ މަރުކަޒުތައް ނައްތާލެވިފައިވާ ކަމަށެވެ. އަދި އިސްރާއީލަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވުރެ ބޮޑު ބައިވެރިއަކު ނެތް ކަމަށާއި، އިސްރާއީލުން މިހާރު ހަތް ދިމާލަކުން ހަނގުރާމަ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ނަތަންޔާހޫ ތުހުމަތުކުރެއްވި ނަމަވެސް، އެފަދަ ހެއްކެއް ނުފެންނަ ކަމަށް އައިއޭއީއޭއިން ބުނެފައިވާއިރު، އީރާނުން ވެސް މި ތުހުމަތު ދޮގުކުރެއެވެ.

ނަތަންޔާހޫގެ ތަގުރީރާ ދިމާކޮށް، އދ. ގެ މައި މަރުކަޒުގެ ކުރިމަތީގައި ގިނަ ބަޔަކު އެއްވެ، ޣައްޒާ އާއި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލަމުން މުޒާހަރާކުރިއެވެ. މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުން ހައްޔަރުކުރިއެވެ.

މީގެ އިތުރުން، އައިސީސީގެ ހައްޔަރުކުރުމުގެ އަމުރު އޮއްވައި ނަތަންޔާހޫ ދަތުރުކުރެއްވި ބޯޓަށް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދިނުމުން، އެ ގައުމުގެ ދެފުށް ސިޔާސަތު ހާމަވެއްޖެ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ފާޑުކިޔާފައިވެއެވެ. ނަމަވެސް އެ ހުއްދަ ދިނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ކަމަށް ފަރަންސޭސި ޚާރިޖީ ވުޒާރާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.