އަންނަ އަހަރު އިތުރު 3 އެއާޕޯޓެއް އަޅަނީ

އަންނަ އަހަރު އިތުރު 3 އެއާޕޯޓެއް އަޅަނީ

Author
މުޙައްމަދު ޝަޒައިމް
13 ނޮވެމްބަރ 2020 07:17
0

އަންނަ އަހަރު ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އިތުރު ތިން އަތޮޅެއްގައި ވައިގެ ދަތުރު ފެށުމަށް ތިން އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާކަމަށް ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެއެވެ.

ސަރުކާރަށް ދެ އަހަރު ފުރޭ މުބާސަބަތާއި ގުޅިގެން ދައުލަތުގެ މީޑިޔާ އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ކޯވިޑް-19 އާއި ގުޅިގެން ކޮންމެވެސް ވަރެއްގެ މަޑު ޖެހުމެއް އައި ނަމަވެސް، އިޤްތިޞާދު ރަނގަޅުވެ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ސަރުކާރުން ވެފައިވާ ވައުދުތަކާއި އެެއްގޮތަށް ދަތުރު ފަތުރު ކުރުމުގައި ލުއިގޮތްތަކެއް އަތޮޅު ތެރޭގެ ރަށްރަކުގައި ދިރިއުޅޭ ރައްޔިތުންނަށް ތަނަވަސް ކޮށްދިނުމަށް އަންނަ އަހަރުވެސް އިތުރު ތިން އެއާޕޯޓެއް އެޅުމަށް ހަމަޖެހިފައިވާކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި މާވަރުލާއި ކުޅުދުއްފުށި އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާ އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު ފެށިފައިވާ މަސައްކަތްތަކުގެ ތެރެއިން ހއ. ހޯރަފުށީގަައި އަަޅަމުންދާ އެއާޕޯޓްގެ މަސައްކަތް މި މަހު ނިންމާ ހުޅުވާނެ ކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މަޑިވަރު އެއާޕޯޓް ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި، ރާއްޖޭގެ 6 ރަށެއްގައި އެއާޕޯޓްތައް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރުހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.