ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް އެމްއެންޕީން ހުށައަޅައިފިއެވެ.
އެމްއެންޕީން ބުނީ އެޕާޓިގެ ޕޮލިސީތައް ރައްޔިތުންނަށް ކިޔައިދީ، ޕާޓީ ޕްރޮމޯޓްކޮށް، ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް މި ވޭތުވެދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި މި ޕާޓީގެ ފަރާތުން ވާނީ ހިންގާފައިވާކަމަށެވެ. އަދި އެ ޕާޓީން ޒިޔާރަތްކުރި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މި ޕާޓީގެ ލީޑަރޝިޕްއިން ބައްދަލުކޮށް، ކައުންސިލްތަކަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާކަމަށް އެމްއެންޕީން ބުންޏެވެ.
އެގޮތުން، އެ ޕާޓީގެ ފަރާތުން ބައްދަލުކުރި ރަށު ކައުންސިލްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް، ފާސްކުރުމުގައި ހުރި ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމުގެ ޝަކުވާކަމަށެވެ. އެހެންކަމުން، މިހާރަށް ވުރެ ފަސޭހަގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސްކުރެވޭނެ އުސޫލެއް ހަމަޖެހިގެން ދިއުމަކީ ވަރަށް ގިނަ ކައުންސިލްތަކުން އެދޭ ކަމަކަށް އެމްއެންޕީން ބުންޏެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ފަރާތުން މިއަދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ބިލެއް ރައްޔިތުންގެ މަޖްލީހަށް ހުށައަޅާފައިވާކަމަށް އެމްއެންޕީން ބުންޏެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) މިހާރު އޮތްގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭން އިސްލާހްކުރަން އެންގުމަށްފަހު، ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ލިބިގެންދެއެވެ. ރަށްރަށުގެ ރައްޔިތުންގެ ރުހުމާއެކު ރަށު ކައުންސިލުން ފާސްކޮށް ގައުމީ އިދާރާއަށް ފޮނުވާ ލޭންޑް ޔޫސް ޕްލޭން ތަފާތު ސަބަބުތަކާއެކު ފާސްކޮށްނުދީ ދިގު މުއްދަތަކަށް ހިފެހެއްޓުމަކީ ލާމަރުކަޒުކުރުމުގެ އުސޫލާ ހިލާފުކަމެއް ކަމަށް މި ޕާޓީން ގަބޫލުކުރާތީ، ގާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) އިސްލާހުކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ބިލުގައިވާނީ ހިމަނާފައެވެ. އެގޮތުން، މި ޕާޓީން ހުށަހެޅި އިސްލާހުގައި ބަޔާންކޮށްފައިވާނީ ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެކަމަށާއި ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކިކަމެއް އިސްލާހްކުރަންޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހްކޮށް، ގާނޫނުގައި ބަޔާންކުރާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސްކުރަންވާނެކަމަށެވެ. މި އިސްލާހް މިގޮތަށް ފާސްވެއްޖެނަމަ، ރަށު ކައުންސިލްތަކުން ހުށަހަޅާ ލޭންޑް ޔޫސް ޕްލޭންތައް ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ފާސްކުރުމަށް ގައުމީ އިދާރާއަށް ލާޒިމްވާނެއެވެ.
– އެމްއެންޕީން ނެރުނު ބަޔާނެއްގައި ވެއެވެ.
އެމްއެންޕީން ބުނީ ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ރަށު ކައުންސިލްތަކުން ކުރަން ރާވާފައިވާ ގިނަގުނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ނުގެންދެވޭ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ޤާނޫނު އިސްލާހްކުރުމަކީ ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދާ ކަމެއް ކަމަށްވާތީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތާއީދާއެކު މި އިސްލާހު ފާސްވެގެން ދިއުމަކީ މުހިންމުކަމެއް ކަމަށް ދެކޭކަމަށެވެ.
ކޮމެންޓު ފޮނުވާ