ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ބާއްވަންޖެހޭ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން ރައީސް ނަޝީދާއި އެއްވެސް މަޝްވަރައެއް ކުރައްވާފައި ނުވާނޭ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކަފުޅު ދޮގު ކުރައްވަމުން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ދިވެހި ޗެނަލުން މިއަދު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވުފައިވަނީ، ރިޔާސީ އިންތިޙާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުން ޕާޓީގެ މެމްބަރުން ކަމަށާއި، އަދި ޕްރައިމަރީއަށް ރައީސް ސޯލިހް ނުކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައިނުވާކަމުގައެވެ.
ނަޝީދުގެ ވާހަކަތައް ދޮގު ކުރައްވަމުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޕްރައިމަރީ ނުވަތަ ރިޔާސީ ރޭހުގައިވެސް ވާދަ ނުކުރައްވަން އެއްވެސް އިރަކު ނުނިންމަވާ ކަމަށާއި، އެގޮތަށް ރައީސް ނަޝީދު އަރުހުގައި ދަންނަވާފައި ވެސް ނުވާނޭ ކަމުގައެވެ.
މިއަދު ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރަށް އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކްފާނު ވާދަކުރައްވާނެ ކަމަށާއި، ޕްރައިމަރީއަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އިތުރުން އެހެން އިތުރު ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށެއެވެ.
އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ޕްރައިމަރީއަށް) ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ.
މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝިދު ވިދާޅުވެފައި ވެއެވެ.
މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގު ކުރައްވާފައިވި ނަމަވެސް، މިއަދުވެސް އަދި މިހާތަނަށްވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް އަދި 2023ގެ ރިޔާސީ އިންތިޚާބުގައިވެސް ވާދަ ކުރައްވާނޭކަމަށް ސާފު ބަހުން ރައީސް ސާލިހު ވިދާޅުވެފައެއް ނުވެއެވެ.
އަދި ރިޔާސީ އިންތިޚާބާއި ބެހޭގޮތުން ރައީސް ސާލިހު ކިރިޔާވެސް ވާނުވާ ސާފުވާގޮތަށް ވާހަކަ ދައްކަވާފައި މިވަނީ މިއަދުއެވެ. އެމިންވަރުންވެސް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނޭކަމަށް ރައީސް ނަޝީދުގެ އަރިހުގައި ވިދާޅު ނުވާކަމަށެވެ.