އެމްޑީޕީގެ މިހާރު ކުރިޔަށްދާ ޗެއަރޕާރސަން އިންތިޚާބު ނިމި، އެ ޕާރޓީއަށް ޗެއަރޕާސަންއެއް އިންތިޚާބު ކުރުން ކުރިޔަށް ދަނިކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ޚާއްސަ އިންޓަރވިއުއެއް، ގެނެސް ދިނުމަށް ހަމަޖަހިފައިވާ ކަމަށް، ދިވެހި ޓީވީ ޗެނަލްއިން އިސްތިހާރު ކުރަން ފަށައިފިއެވެ.
ދިވެހި ޓީވީ ޗެނަލް މިހާރު ޓްރެއިލަރ ދައްކަން ފަށާފައިވާ ނަޝީދުގެ މި އިންޓަވިއު ގެނެސް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު 14:30 ގައިކަމަށް އެ ޓީވީ ޗެނަލްއިން ކޮށްފައިވާ ޓުވީޓުގައި ލިޔެފައި ވެއެވެ.
Havaasaa: EXCLUSIVE INTERVIEW w/ Speaker of the Parliament @MohamedNasheed | Saturday | 14th May 2022 | 14:30 | only on DHIVEHI CHANNEL #Medianet121 #DhiraaguTV1017 pic.twitter.com/ylyhtVVBJD
— Dhivehi Channel (@DhivehiChannel) May 13, 2022
މިހާރު އާންމުކޮށް އިސްތިހާރު ކުރަން ފަށާފައިވާ މި ޓެރެއިލަރއިން އެގެން އިންނަ ގޮތުގައި، މި އިންޓަވިއުގައި ނަޝީދުވަނީ 6 މޭގެ ޓެރަރިސްޓު ހަމަލާގެ އިތުރުން، ރައީސް ސާލިހުގެ ސަރުކާރުގައި، ރައީސް ސާލިހުގެ ތިމާގެ ބޭފުޅުން ގިނަ ކަމަށް ވިދާޅުވެ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން މިހާރު އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދާ "އިންޑިއާ އައުޓު" ކެމްޕޭނާ ގުޅޭގޮތުންވެސް މި އިންޓަވިއުގައި ނަޝީދުވަނީ ވާހަކަ ދައްކަވާފައެވެ.
އެހެންނަަމެވެސް، އެމްޑީޕީގެ މެމްބަރުން ވޯޓަލަމުންން ދާއިރު، ދިވެހި ޗެނަލްއިން ދެއްކުމަށް ހަމަޖެހިފައިވާ މިއިންޓަވިއުގައި، ކުރިޔަށްދާ ޗެއަރޕާސަން އިންތިޚާބާއި ގުޅޭގޮތުން ނަޝީދު ވަހަކަ ދައްކަވާފައިވާކަމެއް ސާފުވާކަށް ނެތެވެ.
މިއަދު ނަޝީދު އިންޓަވިއު ދެއްވުމަށް ހަމަޖެހިފައިވާއިރު، ނަޝީދުގެ ތާއީދާއެކީ މިއިންތިޚާބުގައި ވާދަކުރަމުންދަނީ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އަދި ނަޝީދުއާއި ގާތް ގުޅުމެއް އޮންނަ، އިމްތިޔާޒު ފަހުމީއެވެ. ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ތާއީދު ކުރައްވަނީ ނަޒާހަތްތެރި ކެނޑިޑޭޓަކަށް ކަމަށް ވިދާޅުވެ، އިމްތިޔާޒު ފަހުމީހަށް އެމަނިކްފާނުގެ ތާއީދު އޮތްކަންވެސް ހާމަ ކުރައްވާފައެވެ. ރައީސް ސާލިހުގެ ތާއީދާއެކީ އިންތިޚާބުގައި ވާދަކުރަމުންދަނީ، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭން ވާދަވެރިކަން ބޮޑުވެ، މި ކެމްޕޭންގައި ދެފަރާތުންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކަށް ވަގަށްގޮވާ، ރާބިއުމާއި ޒިނޭގެ ތުހުމަތުވެސް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އަޅުވާފައެވެ.
އެމްޑީޕީގެ ޗެއަރ ޕާރސަންއަކު އިންތިޚާބު ކުރުމަށް އެޕާޓީގެ މެމްބަރުން މިއަދު ވޯޓު ލާން ނިކުންނައިރު، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ފުރުސަތު ދިނުމަށް ޕާޓީގެ ސެކެޓްރިއޭޓުންވަނީ ޕާޓީގެ އެންމެހާ މެމްބަރުންނަށް ގޮވާލާފައެވެ. އަދި ދެ ކެނޑިޑޭޓުންވެސް ވަނީ، މިއީ އެމްޑީޕީގެ މުސްތަގުބަލާއި އެތައް ގޮތަކުން ގުޅި ލާމެހިގެންދާ އިންތިޚާބަކަށް ވެގެން ދާއިރު، މިއިންތިޚާބުގައި ގިނަ ބަޔަކު ވޯޓު ލުމަށާއި އަދި ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.