2018 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކުރެއްވީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތްވެސް ނެތްކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމުން ބުނެފިއެވެ.
ވިލިމާލޭގައި އަންގާރަ ދުވަހު އޮތް ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމިން ކުރެއްވެވި ތުހުމަތުތަކަށް ރައްދުދީ ރައީސް މައުމޫންގެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކީ ހަގީގަތާ ޚިލާފު ދޮގު ވާކަތަކެއްކަމަށެވެ. އެގޮތުން ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަށް އުޅުނު ކަމަށާއި، އެކަމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ ރައީސް މައުމޫން ކަމަށް ތުޙުމަތުކުރައްވައި، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ކަމަށް ރައީސް ޔާމިން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓުން އެ ތާރީހުގައި ސަރުކާރު ވައްޓާލުމަށް ނުވަތަ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލޭ ގޮތަށް އެއްވެސް އަމުރެއް ނެރުއްވާފައިނުވާ ކަމަށެވެ.
އެ ތާރީހުގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުއްވާފައިވަނީ އޭރުގެ ސަރުކާރުން ސިޔާސީ ޖައްބާރުކަމުގައި އެއްވެސް އަސާސެއް ނެތް ތުހުމަތުތައްކޮށް ޝަރުއީ ދާއިރާއަށް ނޫފޫޒުފޯރުވައިގެން އެކި ގޮތްގޮތަށް ބަންދުކޮށްފައި ތިބި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅުއްވާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުއްވި އެ އަމުރު ތަންފީޒުކުރަން ސީދާ ދެކޮޅު ހަދައި އޭރު ތަންފީޒީ އިދާރާތަކުގައި ތިބި އެތައް މުވައްޒަފުންނެއް ގާނޫނާއި ހިލާފަށް އަމަލުކުރުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޖުބޫރު ކުރުވި ކަަމަށާ އަދި އެ އަމުރު ތަންފީޒު ނުކުރުމަށްޓަކައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަގައި ގާޒީން ހައްޔަރުކޮށް ޖަލައްލައި އަދި އޭރު ޖަލަށް ނުލެވި ތިބި އެތައް ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށް ޖަލަށްލި ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
"ކުރީގެ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް މި ޕާޓީގެ ޒައީމް އެއްވެސް އިރަކު މަސައްކަތް ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރަކީ ރައީސް މައުމޫންގެ ތާއީދާއިއެކު އެމަނިކުފާނު ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ސަރުކާރެއް ކަމުން ރައީސް ޔާމީންގެ ސަރުކާރުގެ އެތެރޭގެ ކަންކަން ހަމަ މަގަށް ރުޖޫއަ ކުރެއްވުމަށް ސަރުކާރާއި ޕާޓީގެ އެތެރެއިން އަދި ފަހުން ޕާޓީގެ ބޭރުން މަސައްކަތް ކުރެއްވިއެވެ،" އެމްއާރްއެމުން ބުނެފައި ވެއެވެ.
އެމްއާރްއެމްގެ ބަޔާނުގައި ބުނެފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ރައީސް ޔާމީން އާއި ދެކޮޅަށް އެހެން ސިޔާސީ ލީޑަރުންނާއިއެކު ކޯލިޝަން ހައްދަވައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކަނޑުވާލައި ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކޮށް ގައުމު ހަމަ މަގުން ކައްސާލައިގެން ދާން ފެށުމުން އެކަންކަން އިސްލާހު ކުރެއްވުމަށް އެތައް ގޮތަކުން މަސައްކަތް ކުރެއްވުމަށްފަހު އެ މަސައްކަތްތައް ނާކާމިޔާބު ވުމުން ކަމަށެވެ.
"ރައީސް މައުމޫން ހައްޔަރުކޮށް ޖަލަށްލުމަށް އަމުރުކުރީ ރައީސް ޔާމީން ނޫން ކަމަށް ވިދާޅުވެ އެ ކަމުން ރެކިވަޑައިގަތުމަށްވެސް އަންގާރަ ދުވަހު އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޕާޓީއިން ދެކޭގޮތުގައި އޭރު ސަރުކާރުގެ ބާރުތަކާއި ނުފޫޒު އޮތް ގޮތުން އެ ކަމަކީ ސީދާ ރައީސް ޔާމީންގެ ނިންމެވުމަކަށް ނުވެ ހިނގައިދާނެ ހަމަ އެއްގޮތެއްވެސް ނެތެވެ."
– އެމްއާރްއެމް
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު ވެސް ކަން ކުރެއްވި ފަދައިން ދެންވެސް ވެރިކަން ލިބިވަޑައިގެންފި ނަމަ އަނިޔާވެރިކަން އިސްކޮށް ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި ފަނޑިޔާރުންނާއި މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުން ދިގުމުއްދަތައް ޖަލައް ލާނެކަމަށް ދޭހަވާ ފަދައިން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް އެމްއާރްއެމުން ވަނީ ކުށްވެރި ކޮށްފައެވެ. އަދި މިވާހަހަކަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްވެސް ބަޔާނުގައި ވަނީ ގޮވާލާފަވެ.
ކޮމެންޓު ފޮނުވާ