ޒަމާނުއްސުރެ ދިވެހިރާއްޖެ ބަލައިގެންފައިވާ ޚާރިޖީ ސިޔާސަތުގެ އެންމެ މައިގަޑު އެއް އަސާސަކީ ވަކި އަތަކަށް ނުޖެހޭ މެދުމިނުގެ ގުޅުމެއް ހުރިހާ ގައުމުތަކާއެކީވެސް ގާއިމް ކޮށްފައި އޮތުމެވެ. ރާއްޖޭގައި އެންމެ ދިގު މުއްދަތަކަށް ޚާރިޖީ ވަޒީރުކަން ކުރެއްވި ފަތުހުﷲ ޖަމީލުގެ ޚާރިޖީވަޒީރުކަމުގެ ދުވަސްވަރު އެންމެ ފުރަތަމަ ބިންގާ އެޅިގެންދިޔަ މި ޚަރިޖީ ސިޔާސަތަކީ، ރައީސް ޔާމިންގެ ވެރިކަމާއި ޖެހެންދެން މި ސިޔާސަތަށް ބުރުލެއް އަރައިގެން ނުގޮސް ކާމިޔާބު ކަމާއެކީ ދަމަހައްޓަމުން ގޮސްފައިވާ ސިޔާސަތެކެވެ. އެހާތަނާއި ޖެހެންދެން، ފާއިތުވެދިޔ 40 ވަރަށް އަހަރުދުވަހު ރާއްޖެއިން ބައިނަލް އަގުވާމީގޮތުން ވަކި އަތަކަށް ނުޖެހި، އަދި ވަކިއަތަކަށް ނުޖެހޭ ބައިނަލްއަގުވާމީ އިންތިހާދު (ނޮން އެލައިންގ މޫވްމަންޓް)ގައި އިސްދައުރެއް އަދާ ކޮށްފައިވެސް ވެއެވެ. އަދި މި އުސޫލުގެ މަތިން، ޔޫއެންގައިވެސް ރާއްޖެއިން ފާއިތިވެދިޔަ އަހަރުތަކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ.
އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި، ތާރީޚުގައިވެސް އެންމެ ފުރަތަމަ ރާއްޖެއިން ދެގައުމަކާއެކީ ސިޔާސީ ގުޅުން ކަޑާލިއެވެ. އެއީ ސައުދީ އަރަބިއާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން، ގަތަރާއި އިރާންއާއެވެ. އަދި ރާއްޖެއިން އެތައް ޒަމާނެއްވަންދެން މުހިންމު ދައުރެއް އަދާކުރަމުން ދިޔަ ކޮމަންވެލްތުން ރާއްޖެ ވަކިވިއެވެ.
އެހާތަނުން ރާއްޖޭއިން އެތައް ޒަމާނެއްވަންދެން ދަހަމައްހަޓަމުން އައި، ވަކިއަތަކަށް ނުޖެހޭ ސިޔާސަތު ނިމުމަކަށް އައިކަމަށް ބެލެވި، ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ބަދަލުވެގެން ދިޔަތަން ފެނިގެން ދިޔައެވެ. މިގޮތުން، ރައީސް ޔާމިންގެ ދައުރުގައި، ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެއިން ވާދަކޮށް، އެހެންނަމަވެސް އެކައުންސިލަށް އިންތިޚާބު ވުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިގެން ދިޔައެވެ.
އެއަށްފަހު ރައީސް ސާލިހުގެ ވެރިކަމުގައި، އޭރު ސިޔާސީ ގުޅުން ކަޑާލި ގައުމުތަކާއެކީ އަލުން ގުޅުން ގާއިމްކުރުމުގެ މަސައްކަތް ކުރެވި، ކޮމަންވެލްތުގައި އަލުން ހިމެނި، ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެއިން ދަމަހައްޓަމުން އައި ވަކިއަތަކަށް ނުޖެހޭ ސިޔާސަތު އަލުން އިއާދަކުރުމަށް މަސައްކަތްތަކެއް ވަނީ ކުރެވިގެން ގޮސްފައެވެ.

އެހެންނަމަވެސް، ރައީސް ޔާމިންގެ ވެރިކަމުގައި އެ ސަރުކާރުގެ އެންމެ ބޮޑު މިތުރެއްގެ ގޮތުގައި ޗައިނާ އޮތްއިރު، މިސަރުކާރުގެ އެންމެ ބޮޑު މިތުރެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އަދި މިގުޅުންތަކުގެ ތެރެއިން އެންމެ ޚާއްސަ ގޮތެއްގައި ފާހަގަވާން އޮތްކަމަކީ، މިސަރުކާރުން އިންޑިއާ އަދި ޗައިނާއާއެކީވެސް ބާއްވަމުންދާ ޚާރިޖީ ގުޅުންތަކާއި ޚިލާފަށް، ކުރީގެ ދެރައީސުން ކަމުގައިވާ، ރައީސް ޔާމިންއާއި ރައީސް ނަޝީދު، މި ދެންނެވުނު ދެގައުމަކީ ދެބޭފުޅުންގެ ހަތުރުންކަމުގައި ބަލައިގަނެ، އެމަގުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކެވެ.
އެއްބޭފުޅަކަށް ޗައިނާއަކީ ހަތުރެއް، އަނެއް ބޭފުޅަކަށް އިންޑިއާއަކީ ހަތުރެއް!
ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު ކުރިޔަށް ގެންދަވާ ހަމައެކަނި ސިޔާސީ ހަރަކާތަކީ "އިންޑިއާ އައުޓު" ހަރަކާތެވެ. މި ހަރަކާތުގައި ޕީޕީއެމްގެ އިސް ލީޑަރޝިޕްގެ އިތުރުން، ސަރުކާރާ އިނދިކޮޅު އެތައް ރައްޔިތުންނެއް ދަނީ ބައިވަރި ވަމުންނެވެ.
އަދި މިހަރަކާތް ރާއްޖޭގެ އެތައް ރަށަކަށް ފުޅާކޮށް، ފާއިތުވީ ދެއަރެއްހާ ދުވަހުގެ ތެރޭގައި މިހަރަކާތުގެ ނަތީޖާއެއްގެ ގޮތުން، އެތައް އާންމު ރައްޔިތުންނެއްގެ ހިތުގައި، އެތައް ޒަމާނެއް ވަންދެން ރާއްޖެއިން އެކުވެރިކަމުގެ ގުޅުމެއް ދަމަހައްޓަމުން އައި އިންޑިއާއި ދެކޮޅަށް ނަފްރަތުގެ ޝުޢޫރު އުފެދި، މިއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ، އެންމެފަހުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިހަރާކާތް މިހާރުވަނީ މަނާވެސް ކޮށްފައެވެ.
އެހެންނަމަވެސް، ރައީސް ޔާމިން ދާދިފަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމަނިކްފާނުގެ ކަންބޮޑު ވުމަކީ "އިންޑިއާ ފަސްޓު" (ފުރަތަމަ އިންޑިއާ) ޕޮލިސީ ނޫންކަމަށާއި، ކަންބޮޑުވުމަކީ "އިންޑިއާ އޮންލީ" (އިންޑިއާ އެކަނި) ޕޮލިސީކަމުގައެވެ. އެހެންނަމަވެސް، މިބީދައިން ރައީސް ޔާމިން ޓުވީޓު ކުރެއްވި ނަމަވެސް، އެމަނިކްފާނު އިސްކޮށް ހުންނަވާ ކުރިޔަށް ގެންދަވާ ސިޔާސީ ހަރަކާތްތަކަށް ރަގަޅަށް ނަޒަރެއް ހިންގާ ބަލާލުމުން ސާފުވާން އޮތް ހަގީގަތަކީ، ޕީޕިއެމްގެ އެކްޓިވިސްޓުން މަގުމަތީގައި ހިންގާ ހަރާކާތްތަކަކީ، "އިންޑިއާއާއި އެކަނި" ރާއްޖެއިން ގުޅުން ބާއްވާތީ ހިންގާ ހަރަކާތްތަކެއް ނޫންކަމެވެ.
އަދި އިންޑިއާއާއި ގުޅޭގޮތުން ޕީޕީއެމްގެ އެއްވުންތަކުގައި ރައީސް ޔާމިން ދައްކަވާފައިވާ ވާހަކަފުޅުންތަކުންވެސް ފާހަގަވާން އޮތް ކަމަކީ، އިންޑިއާއި ގުޅޭގޮތުން އެމަނިކްފާނުގެ ހިތްޕުޅުގައި އުފެދިފައިވާ ޝުޢޫރުތައް އެއައްވުމެ މާމައްޗަށް ދަތުރު ކޮށްފައިވާ ތަންވެސްމެއެވެ. ރައީސް ޔާމިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެމަނިކްފާނުގެ ވެރިކަން ބަދަލު ކޮށްލީ އިންޑިއާ އަޑީގައި އޮވެ، އިންޑިއާއިން ފަންޑު ކޮށްގެންނެވެ. އަދި އެމަނިކްފާނުގެ ދައުރުގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގެ އަޑިގައި އޮތީވެސް އިންޑިއާއެވެ. ހަގީގަތުގައި އިންޑިއާއަކީ ރައީސް ޔާމިންއާއި ޕީޕީއެމްގެ ބޮޑު ހަތުރަކަށް ވެގެން ގޮސްފައި އޮތްތަން މިއަދު މިއޮތީ ކަށަވަރުވެ ޔަގީންވާ މިންވަަރަށް ފެންނާށެވެ.

ދެންއޮތީ ރައީސް ނަޝީދަށް ޗައިނާ ކަމުނުގޮސްގެން އުޅޭ މައްސަލައެވެ. ރައީސް ޔާމިންގެ ދައުރުގައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގި ތަރައްގީގެ އެއްވެސް މަޝްރޫޢެއް ނަޝީދަކަށް ކަމަކުނުދެއެވެ. ވިދާޅުވަމުން ގެންދަވަނީ، ރާއްޖެ މިއޮތީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ކަމަށެވެ. ރާއްޖެއާއި ބޭރުގެ ފޯރަމްތަކުގައިވެސް ވަކާލާތު ކުރައްވަނީ ޗައިނާގެ ދަރަނި އަލުން މުރާޖަޢާ ކުރުމަށެވެ. ތުހުމަތު ކުރައްވަނީ ޗައިނާއިން ދިވެހި ބިންތައް ފޭރެމުންދާ ކަމުގެ ތުހުމަތުތަކެވެ. އަދި އެންމެފަހުން ޗައިނާގެ ސަފީރުވަނީ، ޗައިނާއިން ރާއްޖޭގެ ބިންތަ ފޭރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ކެނޑިނޭޅި ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ރައްދުވެސް ދެއްވާފައެވެ.
ފެށުނީއްސުރެ އެކި ގޮތްގޮތުން ޗައިނާއަށް ފާޑު ވިދާޅުވަމުން ގެންދަވާ ނަޝީދުގެ ކަންބޮޑުވުން ހަމައެކަނި ގުޅިފައި އޮތީ، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިޔަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫޢުތަކާއެކަނި ނޫންކަންވެސް މިފުރުސަތުގައި ފާހަގަކޮށްލާން ޖެހެއެވެ. ޗައިނާގެ ގައުމީ ސަލާމަތާއި ގުޅުންހުރި މައްސަލައެއްގެ ގޮތުގައި އެގައުމުން ދެކޭ، ޗައިނާއިން އެ ކަނޑެއްގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ، ޗައިނާ ކަނޑަށް އިނގިރޭސިވިލާތުގެ މަނަވަރުތައް ވަން ވަނުމަށް މަރުހަބާ ވިދާޅުވެ ފާއިތުވެދިޔަ އަހަރު ނަޝީދު ޓުވީޓުވެސް ކުރައްވާފައި ވެއެވެ.
This Maldivian Independence Day (from Britain), I was pleased to see a British Carrier Strike Group enter the South China Sea near the Spratly Islands, to ensure the right of navigation around the islands. @caron_rohsler pic.twitter.com/jOblhwZgjR
— Mohamed Nasheed (@MohamedNasheed) July 27, 2021
ނަޝީދުގެ މި ޓުވީޓަށް ނުރުހުން ފާޅުކޮށް އޭރު ރާއްޖޭގައި ހުންނެވި ޗައިނާ ސަފީރުވެސް ރައްދުދެއް ދެއްވާ، ޗައިނާ ސަރުކާރުގެ ނުރުހުން އެމައްސަލާގައި އޮތްކަން ހާމަކޮށްފައި ވެއެވެ.
ކޮންމެއަކަސް، ފާއިތުވެދިޔަ ތަނުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޗައިނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާއި، ވިދާޅުވަމުން ގެންދަވާ ފާޑުކިއުންތަކުން ސާފުވާން އޮތް އެއް ހަގީގަތަކީ، މިއަދު ޗައިނާއަކީ ނަޝީދުގެ ހަތުރެއްގެ ގޮތުގައި ސިފަވާން އޮތްތަކެވެ.
އާދޭހެވެ. ފެންނާން އޮތީ، ރާއްޖޭގައިވެރިކަން ކުރެއްވި އެއްބޭފުޅެއްގެ ހަތުރަކަށް ޗައިނާ ވެގެން ގޮސްފައިވާއިރު، އަނެއް ބޭފުޅެއްގެ ހަތުރަކަށް އިންޑިއާ ވެގެން ދާތަނެވެ. އަދި މިދެބޭފުޅުންގެ، "ކަނާތު ފިޔައިގެ" މި ޚާރިޖީ ސިޔާސަތަށް، މެދުމިނުގެ ހައްލެއް މިއަދު ގައުމަށް މިއޮތީ ވަރަށްވެސް ބޮޑަށް ބޭނުން ޖެހިފައެވެ.

މެދުމިނުގެ ހައްލެއް ސަރުކާރަށް އެބަ ހޯދޭތަ؟
ކޮންމެ ގޮތަކަށް ވިސްނިކަމުގައި ވިނަމަވެސް، ރާއްޖެ ފަދަ ކުޑަ ގައުމަކަށް "ކަނާތު ފިޔައިގެ" ޚާރިޖީ ސިޔާސަތެއްގެ މަތީގައި ދެމި ނުއޮވެވޭނޭކަން އެއީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. ރައީސް ޔާމިންއާއި ރައީސް ނަޝީދުއާއި، ދެބޭފުޅުންވެސް ދެބޭފުޅުންގެ ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ސިފަ ކޮށްދެމުންދާ ދެގައުމަކީ ދުނިޔޭގައި، ސިޔާސީ ގޮތުންނާއި އަސްކަރީގޮތުންވެސް ބޮޑު ދެބާރެވެ.
ޗައިނާއަކީ ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ މެމްބަރު ގައުމެކެވެ. އިންޑިއާއަކީވެސް ނިއުކުލިއަރ ބާރަކަށް ވުމުގެ އިތުރުން، ސިޔާސަތުތައް އެކަށައެޅުމުގައި ހުޅަގުގެ ގައުމުތަކުން ބަރޯސާކުރާ މުހިންމު ގައުމެކެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްގީއާއި ގުޅުންހުރި މައްސަލަތަކާއި، އިންސާނީ ހައްގުތަކާއި، އަދި އެނޫނަސް ރާއްޖެއިން ބޭނުންވާ މާލީ އެހީތެރިކަމާއި، އެކްސްޕޯޓު އިންޕޯޓާއި، ރާއްޖެއަށް ގައުމުތަކާއެކީ ދަމަހައްޓަން މަޖުބޫރު ވިޔަފާރީގެ ގުޅުންތަކާއި، އަދި ދިވެހިން ބޭރު ގައުމުތަކަށް ދަތުރުކުރުމުގައި ހޯދާންޖެހޭ ލުއިފަސޭހަކަމާއި، މިހެންގޮސް އެތައް ކަމެއްގައި ރާއްޖެއަކީ ބޭރުގެ ގައުމުތަކަށް އިންތިހާއަށް ބަރޯސާވާން މަޖުބުރުވެފައި އޮތް ގައުމެކެވެ.
އެހެންނަމަވެސް، އަދި އަދާއި ހަމައަށް ފެންނާން އޮތީ، ކުރީގެ ދެރައީސުން، އިންޑިއާ އަދި ޗައިނާއާއި ދެކޮޅަށް ފޫގަޅާލާއިގެން ތިބި ނަމަވެސް، މިސަރުކާރުން، "އިންޑިއާ ފަސްޓު" ޕޮލިސީއާއެކުވެސް، ޗައިނާއާއެކީވެސް ގާތް ގުޅުމެއް ގާއިމް ކޮށްފައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދާތަނެވެ. މީގެ ކުޑަ ހެއްކެއްގެ ގޮތުގައި ފެނިގެންދިޔަ އެއްކަމަކީ، ދާދިފަހުން ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް އަމާޒުކޮށް، ވަން ޔީއަށް މަރުހަބާ ވިދާޅުވުމަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރު ޝާހިދު ނިއުޔޯކުގައި ހުންނަވާފައި ރާއްޖެ ވަޑައިގަތްގަތުމެވެ. އަދި ޗައިނާ ސަރުކާރުން ދޭތެރެ ދޭތެރެއިން ބައެއް ކަންކަމުގައި ރާއްޖެއަށް އެހީތެރިކަން ފޮރުކޮށްދެމުން ދާކަންވެސް މިފުސަތުގައި ފާހަގަކޮށްކާން ޖެހެއެވެ.

ކޮންމެއަކަސް، އެއް ރައީސަކު އިންޑިއާއި ދެކޮޅަށް، އަނެއް ރައީސަކު ޗައިނާއާއި ދެކޮޅަށް ފޫގަޅާލާ، ބަލައިގެންފައިވާ "ކަނާތު ފިޔައިގެ" މި ޚާރިޖީ ސިޔާސަތުން ގައުމަށް ލިބެންއޮތީ ކޮން ހެވެއްތޯ، އަދި ލިބެން އޮތް ކުރިއެރިމަކީ ކޮބައިތޯ މިއީ މިއަދި އާންމު ރައްޔިތުން ޖަވާބު ހޯދަންޖެހިފައިވާ ސުވާލެކެވެ. އަދި ސަރުކާރަށް އެންމެ އެކަށީގެންވާ މެދުމިނުގެ ހައްލެއް މިމައްސަލާގައި ނުހޯދިއްޖެނަމަ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ދަތިތަކާއި، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމަކީ ވަރަށްވެސް އެކަށީގެންވާ ކަމެއްކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ކޮމެންޓު ފޮނުވާ