ދިވެހި އިންޖިނޭރުންގެ ޚިދުމަތުގެ އަގު: ސިނަމާލެ ބުރިޖުން ފެށި ޢުމްރާނީ އިންޤިލާބު!

ދިވެހި އިންޖިނޭރުންގެ ޚިދުމަތުގެ އަގު: ސިނަމާލެ ބުރިޖުން ފެށި ޢުމްރާނީ އިންޤިލާބު!

Author
އަހުމަދު
30 އޮގަސްޓް 2026 09:42
0

ޤައުމީ ފެންވަރުގައި ދިވެހި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އޮގަސްޓު މަހުގެ 30ވަނަ ދުވަސް ޚިޔާރުކުރެއްވުމުގެ ފަހަތުގައި ފުން މާނައެއް ވެއެވެ. މީގެ 8 އަހަރު ކުރިން، 2018ވަނަ އަހަރުގެ މި ދުވަހަކީ ދިވެހި ތާރީޚުގައި ހިންގުނު އެންމެ ބިޔަ ޢުމްރާނީ މަޝްރޫޢު ކަމުގައިވާ ސިނަމާލެ ބުރިޖު ރަސްމީކޮށް ޚިދުމަތަށް ހުޅުވާލެވުނު ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު ޖޫން މަހުގެ 15ވަނަ ދުވަހު މި ދުވަސް ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ، ދިވެހި އިންޖިނޭރުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި، ޢުމްރާނީ ތަރައްޤީގައި އެބޭފުޅުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރެއްވުމުގެ ގޮތުންނެވެ.

ސިނަމާލެ ބުރިޖުގެ ޚިޔާލަކީ ފުރަތަމަ އިއުލާނުކުރެވުނު ދުވަހުއްސުރެ ސުވާލުތައް އުފެއްދި މަޝްރޫޢެކެވެ. "ކޮބާހޭ އެކަމުގެ އިންޖިނިއަރިން" ސުވާލުކުރި މީހުން މަދެއް ނޫނެވެ. ނަމަވެސް 3 ރަށެއް ކަނޑު ހުރަސްކޮށް ގުޅުވާލި މި ބުރިޖު މިއަދު ވެފައި ވަނީ ޤައުމީ ފަޚުރަކަށެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ރަމްޒެއް ކަމުގައި ވެސް ވެގެންދިޔައެވެ. ބުރިޖު ހުޅުވުނުތާ 8 އަހަރު ފުރޭއިރު، ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ޤައުމުގެ އިޤްތިޞާދު، އަދި އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމަށް ވެސް ބޮޑެތި ހެޔޮ ބަދަލުތަކެއް ވަނީ އައިސްފައެވެ. މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ފަސޭހަވެ، މާލެ ސަރަޙައްދު އެއް ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރުމުގެ ދޮރު ބުރިޖުން ހުޅުވިގެންދިޔައެވެ.

ދިވެހި ތާރީޚަށް ބަލާއިރު، އިންޖިނޭރުކަމުގެ ފަންނަކީ މިއަދު އުފެދުނު ފަންނެއް ނޫނެވެ. މާކަނޑު ހުރަސްކުރި ދިވެހި އޮޑިތަކާއި، ގަލުވަޑާމުގެ ފާޑުވެރިކަމާއި، މިއަދާ ހަމައަށް ކޮޅަށް ހުރި ޤަދީމީ އާސާރުތަކުން ދިވެހީންގެ ކާބަފައިންގެ ހުނަރު ފާޅުކޮށްދެއެވެ. މި ފަންނު ދެމެހެއްޓުމަކީ މިއަދުގެ ޖީލުގެ ޒިންމާއެކެވެ.

މިހާރު ކުރިއަށްދާ، ސިނަމާލެ ބުރިޖަށްވުރެ ބިޔަ ބުރިޖުގެ މަޝްރޫޢާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުން، ޤައުމަށް ދިވެހި އިންޖިނޭރުންގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާކަން ފެންނަން އެބައޮތެވެ. ބޮޑެތި މަޝްރޫޢުތައް ބޭރުގެ އެހީގައި ކުރިއަށް ގެންދިޔަ ނަމަވެސް، އެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ދިވެހި ފަންނުވެރިން ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރަށްރަށުގެ ފެނާއި ނަރުދަމާ، އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތަކަކީ އިންޖިނޭރުން ނެތި ފޯރުކޮށްދެވޭނެ ޚިދުމަތްތަކެއް ނޫނެވެ. މީގެ އިތުރުން، ޖަޒީރާ ޤައުމެއްގެ ޙައިޘިއްޔަތުން، ދަތުރުފަތުރުގެ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ މެރިން އިންޖިނޭރުންނާއި، އެއަރކްރާފްޓް އިންޖިނޭރުން، އަދި ބަވަނަވެފައިވާ ދުނިޔެއާ ދިވެހީން ގުޅުވާލަދޭ އައިޓީ އިންޖިނޭރުންގެ ޚިދުމަތްވެސް ހަމަ އެހާމެ މުހިންމެވެ.

ދާއިރާއަށް މީހުން ބިނާކުރުމާއި، މިހާރު ޚިދުމަތުގައި ތިބި ފަރާތްތަކަށް ތަމްރީނާއި ތަޖުރިބާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. ދިވެހި އިންޖިނޭރުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މި އަހަރު ފުރަތަމަ ފަހަރަށް "އިންޖިނިއަރސް އެވޯޑު" ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމުގެ ޢުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ އެންމެ މުގުލުގައި ތިއްބެވި އިންޖިނޭރުންނަށް، ދިވެހި ދައުލަތުން ޤައުމީ ފެންވަރެއްގައި ދުވަހެއް ޚާއްޞަކުރެއްވުމަކީ، މި ފަންނުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ކުރިއަށް އޮތް ޖީލުތަކުގައި މި ދާއިރާއަށް ވަދެވަޑައިގަންނަވާނެ ޒުވާނުންނަށްވެސް ސަރުކާރުން ދެއްވި ބޮޑު ހިތްވަރެކެވެ. ސިނަމާލެ ބުރިޖުން ފެށިގެންދިޔަ ޢުމްރާނީ އިންޤިލާބު، ދިވެހި އިންޖިނޭރުންގެ އަތްމަތިން ކުރިއަށް ގެންދިއުމަކީ ޤައުމުގެ ކުރިއެރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.