އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް ނޮވެމްބަރު 27 ގައި ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ރަނގަޅު ނުވާ ކަމަށް ބުނެ ބައެއް މެންބަރުން ޝަކުވާކޮށްފި އެވެ.
ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވީ އޮފިޝަލުން، ވޯޓު ފޮށި އަދި ވޯޓު ކަރުދާސް ނެތުމުގެ ސަބަބުން ކަމަށް ވޯޓުލާން ދިޔަ ބައެއް މީހުން ބުންޏެވެ. ބައެއް ފޮށިތަކުގައި އޮފިޝަލުން ނެތުމުން ވޯޓުލާން އައި މީހުން އަމިއްލައަށް އެ މަސައްކަތް ކުރި ހާލަތްތައްވެސް ފެނުނެވެ. ވަސީލަތްތައް ނެތުމުން ވޯޓު ގުނުމުގައިވެސް ލަސްތަކެއް ވިއެވެ.
މި މައްސަލަތަކާ ބެހޭ ސުވާލަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ސަރުކާރުން އެއްބާރުލުމެއް ނުދޭތީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސި ކަމަށެވެ. ބޭނުންވާ ހޯލުތައްވެސް ބައެއް ފަހަރު ލިބޭއިރު، ބައެއް ފަހަރު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދަތިތަކާއެކުވެސް ވޯޓުލަން ގިނަ ބަޔަކު ނުކުތެވެ. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާ ގޮތުގައި އެމްޑީޕީގައި 53,000 އަށްވުރެ ގިނަ މެންބަރުން ތިބެއެވެ.
މި އިންތިހާބުގައި 1,102 މަގާމަކަށް 1,612 ކެންޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރެއިން 368 އަކީ އަންހެނުންނެވެ. ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ރަށްރަށުގެ ދާއިރާ ނައިބު ރައީސުން، އަންހެނުންގެ ސެކްރެޓަރީން އަދި ޒުވާނުންގެ ސެކްރެޓަރީންވެސް ހޮވާ އެވެ. ޕާޓީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑިއަށް 774 މީހުން ވާދަކުރިއިރު، އޭގެ ތެރޭގައި 112 އަންހެނުން ހިމެނެއެވެ.
އިންތިހާބުގެ ދާއިމީ ނަތީޖާ ނޮވެމްބަރު 30 ގައި އިއުލާން ކުރާނެ އެވެ.
ކޮމެންޓު ފޮނުވާ