އެއާޕޯޓުގެ ސެކިއުރިޓީގައި އެއްވެސް ލުއިކަމެއް ނުދެވޭނެ: ޝަރީފް

އެއާޕޯޓުގެ ސެކިއުރިޓީގައި އެއްވެސް ލުއިކަމެއް ނުދެވޭނެ: ޝަރީފް

Author
އަހުމަދު
28 ނޮވެމްބަރ 2026 01:48
0

 

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީގައި އެއްވެސް ހާލަތެއްގައި ލުއިކަމެއް ނުދެވޭނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މި ވާހަކަ ވިދާޅުވީ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ތަމްރީނުކުރި، އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ 150 މުވައްޒަފުން ދަސްވެނިކުރުމަށް ބޭއްވި ރަސްމިއްޔާތެވެ.

ޝަރީފް ވިދާޅުވީ އެއާޕޯޓަކީ ރާއްޖޭގެ އިގްތިސާދުގެ ފުރާނަ އަދި ދުނިޔެއާ ގުޅޭ މައި ދޮރާށި ކަމަށެވެ. އަދި އެތަނުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ހަމައެކަނި ކުންފުނީގެ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މުޅި ގައުމުގެ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެއާޕޯޓުގެ ލޭންޑްސައިޑް ބެލެހެއްޓުމަށް އުފެއްދި މި ސާވިސް ކުރު މުއްދަތެއްގައި ފުޅާވެފައިވެއެވެ. އަދި މުވައްޒަފުން ތަމްރީނުކުރުމުގައި ފުލުހުން ދެއްވި އެހީތެރިކަމަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ، އަލަށް ދަސްވެނިވި އޮފިސަރުންގެ ޑިސިޕްލިނާއި ޑްރިލްގެ ފެންވަރަކީ ސިފައިންނާއި ފުލުހުންގެ އަސާސީ ތަމްރީނުތަކާ އެއް ފެންވަރެއް ކަމަށެވެ. އަދި ކުރިއަށް ވެސް މިފަދަ ތަމްރީނުތައް ހިންގުމަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ.

މި ޕްރޮގްރާމު ހިންގީ ހަ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފެބްރުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ތަމްރީނުގައި ގާނޫނީ ހޭލުންތެރިކަމާއި މަސައްކަތުގެ އަހުލާގު ކިޔައިދިނެވެ. އަދި ހާދިސާތަކުގައި އަމަލުކުރާނެ ގޮތާއި ސެލްފް ޑިފެންސް އަދި ކަސްރަތު ވެސް ކިޔައިދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.