ހއ.ހޯރަފުށީ ގައި ގާއިމްކޮށްފައިވާ އެއާރޕޯޓަށް ޓެސްޓް ފްލައިޓްތައް މި މަހުގެ 16 ވަނަ ދުވަހު ކުރުމަށް ހަމަޖެހިއްޖެއެވެ.
ހޯރަފުށީ އެއާޕޯޓުގެ ޓެސްޓު ފްލައިޓްތައް 16 ވާ ހޯމަ ދުވަހު ކުރުމަށް ހަމަޖެހިފައިވާއިރު، 17 ވާ އަންގާރަ ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހޯރަފުށީ އެއާރޕޯޓްގެ މަސައްކަތް ހުއްޓާލުމައި އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. މަސައްކަތް ނިންމުމަށް ފުރަތަމަ ކަނޑައެޅި ތާރީހަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ކޯވިޑް-19 އާއި ގުޅިގެން ދިމާވި ގޮންޖެހުންތަކާއިއެކު މަސައްކަތުގެ ސްޕީޑަށް މަޑު ޖެހުމެއް އައިނަމަވެސް އެމްޓީސީސީން ދަނީ މަސައްކަތް މިހާރު ކަނޑައަޅާފައިވާ ތާރީހަށް ނިންމުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުންނެވެ.
ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހޯރަފުށީ އެއަރޕޯޓްގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު، އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.
ކޮމެންޓު ފޮނުވާ