ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްފައިވާ، "އިންޑިއާ އައުޓު" އިތުރު ބެނަރއެއް ދަމައިފި

ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްފައިވާ، "އިންޑިއާ އައުޓު" އިތުރު ބެނަރއެއް ދަމައިފި

Author
ހުސެއިން
23 އޭޕްރިލް 2022 10:47
0

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، މާލޭ އެކި ހިސާބުތަކުގައި ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައް ފުލުހުން ނަގަމުން ދަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން، މިރޭ މާލޭގައި އިންޑިއާ އައުޓް އިތުރު ބެނަރއެއް ދަމައިފިއެވެ. މި ބެނަރ ދަމާފައިވަނީ ހެންވޭރު، ޕީޕީއެމް އޮފީސް ނިމެނޭ ސަރަހައްދުގައެވެ.

މިގޮތުން، މިރޭ އަލަށް ދަމާފައިވާ ބެނާރގައިވެސް އިނގިރޭސިބަހުން އިންޑިއާ އައުޓު ލިޔެފައިވާއިރު، މިބެނާރގައި ލިޔެފައިވާ "އިންޑިއާ"ގެ ނަމުގެ އަސްލު ސްޕެލިންގ ބަދަލުކޮށް ލިޔެފައިވަނީ INDEAR މިހެންނެވެ.

އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ ހުކުރު ދުވަހުއެވެ. ރައީސް ގަރާރު ނެރުއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންވަނީ ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓުގެ ބޮޑު ބެނާރ ނަގާފައެވެ.

ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްގެން ދަމަމުންދާ އިންޑިއާ އައުޓު ބެނަރތައްވެސް ފުލުހުން ދަނީ ނަގަމުން

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތް މަނާ ކޮށްފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.

މިގޮތުން، ނަމުގެ އަކުރުތަކަށް ބަދަލު ގެނެސްގެން ދެމި ފުރަތަމަ އިންޑިއާ އައުޓު ބެނާރވެސް ފުލުހުން ނަގާފައިވަނިކޮށް، ޗެނަލް13ގެ ހަޖަމް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް މަގުމަތީ ހަރަކާތްތަކާބެހޭ ކޮމިޓީގެ ޗެއަރ މުހައްމަދު އިސްމާއިލް ރޭ ވިދާޅުވެފައިވަނީ، އިންޑިއާ އައުޓު ބެނަރތައް ދެމުން ނުހުއްޓުވޭނެ ކަމަށާއި، ބެނަރތައް ތައްޔާރު ވަމުންދާވަރަކުން ބެނަރތައް ދަމަމުން ގެންދާނޭ ކަމުގައެވެ.

އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.

މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.