ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ގަރާރަކުން އިންޑިއާއުޓް ބެނާރތައް ދެމުމާއި، އިންޑިއާ އައުޓު ހަރަކާތް ކުރިޔަށް ގެންދިއުން މަނާކޮށް، ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓު ބެނާރ މިއަދ ފުލުހުން ނަގާފައިވަނިކޮށް، ރައީސް ސާލިހު ނެރުއްވި ރިޔާސީ ގަރާރަށް ގޮންޖަހާ، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން އަލުން މިރޭ މާލޭގައި އިންޑިއާ އައުޓް ބެނަރއެއް ދަމައިފިއެވެ.
މިގޮތުން، މިރޭ އަލަށް ދަމާފައިވާ ބެނާރގައި އިނގިރޭސިބަހުން އިންޑިއާ އައުޓު ލިޔެފައިވާއިރު، މިބެނާރގައި ލިޔެފައިވާ "އިންޑިއާ"ގެ ނަމުގެ އަސްލު ސްޕެލިންގ ބަދަލުކޮށް ލިޔެފައިވަނީ INDEAR މިހެންނެވެ.
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވަނީ މިއަދުއެވެ. ރައީސް ގަރާރު ނެރުއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންވަނީ ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިހުރި އިންޑިއާ އައުޓުގެ ބޮޑު ބެނާރ ނަގާފައެވެ.

ރައީސްގެ ގަރާރަކުން އިންޑިއާ އައުޓުގެ ހަރަކާތައް މަނާ ކޮށްފައިވަނީ، މި ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމިންގެ ގެކޮޅުގައި އިންޑިއާ އައުޓުގެ ބޮޑު ބެނާރއެއް ދެމުމާއި ގުޅިގެން، އިންޑިއާއުޓު ބެނާތައް ދެމުމަކީ ގާނޫނުލްއުގޫބާތުން މަނާކަމެއް ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އަދި ބޮޑެތި ޢިމާރާތްތަކުގައި އިންޑިއާ އައުޓް ބެނާތަށް ދެމުމަކީ ޤާނޫނުލް އުޤޫބާތާއި ޚިލާފްކަމެއްކަމަށާއި، ފުލުހުން ވަގުތުން އެކަންކަން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޒާރު ދިންތާ ގަޑި އިރުތަކެއް ފަހުން މާލޭގެ އެކި ގޭގޭގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށްވެސް ފުލުހުން އަންގާފައި ވެއެވެ.
ރައީސުލްޖުމުހޫރިއްޔާގެ ގަރާރަކުން އިންޑިއާ އައުޓު ބެނަރ ދެމުން މަނާ ކޮށްފައިވި ނަމަވެސް، އިދިކޮޅު ޕީޕީއެމްއިން ބުނެފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިގުޅައި ނުގަނެވޭނެ ކަމަށާއި، އިންޑިއާއައުޓު ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށެވެ.
އަދި ރައީސްގެ ގަރާރު ނެރުއްވިފަހުން، މިރޭ ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ޗެނަލް13ގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ، އަލުން އާފެށުމަކުން ފަށާ މިހަރަކާތް ކުރިޔަށް ގެންދާނޭ ކަމުގައެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާއި ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ އިސް ބޭފުޅެއްގައި ގޮތުގައި ރައީސް ޔާމިން ހަރަކާތްތެރި ވެވަޑައިގަންނަވަމުން ގެންދަވާއިރު، އެމަނިކްފާނު ޖަލުން މިނިވަންވުމަށްފަހު މިހަރަކާތައް އާދިރުމެއް އައިސްފައިވެއެވެ. އަދި އެއަށްފަހު، މިހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކޮށް، ފަހަކަށް އައިސް ޕީޕީއެމްއިން ވަނީ، މިހަރާކާތް ހިންގުމަށްޓަކާ ރާއްޖެތެރޭގެ ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައެވެ.
މިދަތުރުތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، ސަރުކާރުން ހިންގާ ނޭދެވޭ ކަންކަމުގެ މައުލޫމާތުވެސް ޕީޕީއެމްއިން ދަނީ ރަށްރަށުގެ ރައްޔިތުންނާއި ހިއްސާ ކުރުމުންނެވެ. އަދި އިންޑިއާ އައުޓު ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތްވެސް މި ދަތުރުތަކުގައި ޕީޕީއެމްއިން ކުރިޔަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓު ފޮނުވާ