"އިންޑިއާ އައުޓް" ބެނާތައް ނަގަން ކޯޓް އަމުރު ދިނީ ފަތިސްނަމާދު ގަޑީގައި

"އިންޑިއާ އައުޓް" ބެނާތައް ނަގަން ކޯޓް އަމުރު ދިނީ ފަތިސްނަމާދު ގަޑީގައި

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2022 01:27
0

"އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން މާލޭގެ ގޭގޭގައި ދަމާފައިވާ ބެނާތައް ނަގަން ކޯޓް އަމުރު ދީފައިވަނީ ރޭ ފަތިސް ނަމާދު ގަނޑީގައިކަން ކޯޓު އަމުރުން ހާމަވެއްޖެއެވެ.

ކޯޓު އަމުރުގައި ވާގޮތުން އަމުރު ދީފައިވަނީ ރޭ ފަތިހު 4:50 ގައެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ ގަޑިއަކީ 4:45 އެކެވެ. ކްރިމިނަލް ކޯޓުން ރޭ ފަތިހު ނެރުނު އަމުރުގައި ސޮއިކޮށްފައިވަނީ ގާޟީ މުހައްމަދު މިސްބާހު އެވެ.

އިންޑިއާ އައުޓް ލިޔެފައިވާ ބެނާ ނެގި ގެތަކުގެ ތެރޭގައި އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅު ހ.ދޫވެހީގައި ދަމާފައިހުރި 50 އަކަށް ފޫޓްގެ ބެނާވެސް ފުލުހުން މިއަދު ވަނީ ނަގާފައެވެ.

ފުލުހުން ވިދާޅުވީ "އިންޑިއާ އައުޓް" ލިޔެ ބެނާ ދަމާފައި ހުރުމަކީ، ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވާކަމަށެވެ. އަދި ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ނަތީޖާއެއްގެ ގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުން ވެދާނެކަމެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭކަމަށް ފުލުހުން ވިދާޅުވެއެވެ.

"އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ފުލުހުން ނަގާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނާއި، ދިވެހި ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާތަކަކަށް ރިއާޔަތްކޮށެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭތީކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އިންޑިއާ އައުޓް ލިޔެފައިވާ ބެނާތައް ކޯޓު ޢަމުރެއްގެ ދަށުން ފުލުހުން ނަގާފައި މިވަނީ، "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާ އެކަން ތަންފީޒުކުރުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އިދާރާތަކަށް އަންގާފައިވެސް ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުވަޒީރު 2
ތީ ވެރިކަމުން ޤާޟިކަން ވާރުތަވި ކުޑަކުއްޖެއް