ޓީވީގެ ލައިވް ޚަބަރު ގަޑީގައި ނިއުސް ރޫމަށް ވަދެގަނެ، ރަޝިއާއިން ޔޫކުރެއިންގައި ކުރަމުންދާ ހަގުރާމައާއި ދެކޮޅު މެސެޖްތައް ޓީވީގައި ދެއްކި، އެގައުމުގެ ޗެނަލް ވަންގެ އެޑިޓަރ މަރިއާނާ އޮވްސިޔަކޮވޮވާ އަށް ޖަރުމަނުގެ ނޫހެއް ކަމުގައިވާ ޑައި ވެލްޓުން ވަޒީފާ ހަމަޖައްސައި ދީފިއެވެ.
ރަޝިއާގެ އެންމެ ގިނަމީހުން ބަލާ އެއް ޗެނަލް ކަމުގައިވާ ޗެނަލް ވަންގެ ޚަބަރު ގަޑީގައި، ޚަބަރު ލައިވް ކުރަމުން ދަނިކޮށް، ނިއުސް ރޫމަށްވަދެ، މަރިއާނާ އޮވްސިޔަކޮވޮވާ ވަނީ ހަނގުރާމައާއި ދެކޮޅު ޝުއޫތައް ލިޔެފައިވާ ޕޯސްޓަރުތައް ދައްކާލާފައެވެ. އަދި އޭނާގެ މިއަމަލާއި ގުޅިގެން މިޚަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
"ހަނގުރާމަ ހުއްޓާލާ، އެމީހުން އެ ހަދަނީ ހުސްދޮގު، މި ޕްރޮޕަގެންޑާ ގަބޫލު ނުކުރޭ،" އޮވްސިޔަކޮވޮވާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި ލިޔެފައި ވެއެވެ. "ރަޝިއާ މީހުން މި ހަގުރާމައާއި ދެކޮޅު،" ލައިވް ނިއުސް ގަޑީގައި ޕްރެސެންޓަރުގެ ފަހަތުގައި ހުރެ އޭނާ ހިފަހައްޓައިގެން ހުރި ކަރުދާހުގައި އިނގިރޭސިބަހުން ލިޔެފައިވާ އިބާރާތުގައި ލިޔެފައި ވެއެވެ.
WHOA: anti war protestor disrupts Channel One Russia during live broadcast.
Cracks in the facade.pic.twitter.com/iqdsANYQy9
— John Scott-Railton (@jsrailton) March 14, 2022
އޮވްސިޔަކޮވޮވާގެ މި އަމަލަށްފަހު، އޭނާ ޕޮލިސް ސްޓޭޝަންއަކަށް ހާޒިރުކޮށް، 14 ގަޑިއިރު ޕޮލިސް ސްޓޭޝަންގައި ބައިންދާފައި ވެއެވެ. އަދި އޭނާވަނީ 30،000 ރުބެލް (290 އެމެރިކާ ޑޮލަރު)އިން ޖުރިމަނާ ކޮށްފައެވެ.
އުމުރުން 43 އަހަރުގެ އޮވްސިޔަކޮވޮވާގެ މައްޗަށް ޖިނާޢީ ދައުވާކޮށް، އޭނާގެ މައްޗަށް ޘަރީއަތް ހިންގުމުގެ ރިސްކޮށް އޮތްނަމަވެސް އޭނާވަނީ ރަޝީއާ ދޫކޮށް ނުދާނެ ކަމުގައި ބުނެފައެވެ. އަދި އޭނާ މަސައްކަތް ކުރަމުން ދާނީ، ޑައި ވެލްޓް ނޫހުގެ ފްރީ ލާންސް ޖާނަލިސްޓެއްގެ ގޮތުގައެވެ. އަދި އޭނާ ރަޝިއާއި އަދި ޔޫކުރެއިންގެ ޚަބަރުތައް ރިޕޯޓު ކުރަމުން ދާނެއެވެ.
އޮވްސިޔަކޮވޮވާ ނެރެފައިވާ ބަޔާނެއްގައި އޭނާ ބުނެފައިވަނީ، އޭނާ މި ނޫހާއި ގުޅެން ނިންމީ، ޔޫކުރެއިންގެ ރައްޔިތުން އެގައުމުގައި ތިބެގެން މިނިވަން ކަމަށްޓަކާ ކުރަމުންދާ ހަގުރާމައަށް މިނޫހުން ތާއީދު ކުރަމުންދާތީ ކަމުގައެވެ.