މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއެކު ދޫކޮށްލައިފައިވާ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އައްމަޓީ ވަނީ ބަންދުގައި ބެހެއްޓުމަށްފަހު ތިން ފަހަރެއްގެ މަތިން ޝަރުތު ތަކާއިއެކު ދޫކޮށްލާފައެވެ. އައްމަޓީ ދޫކޮށްލި މައްސަލާގައި މިއަދު ހައިކޯޓުގައި ހުކުމް ކުރުމަށް ތާވަލްކުރި ނަމަވެސް މިމައްސަލަ ބޭރުކޮށްލާފައިވަނީ މިމައްސަލަ ދައުލަތުން އިސްތިއުނާފު ކުރަންޖެހޭ މުއްދަތު ފާއިތުވިފަހުން މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
ކްރިިމިނަލް ކޯޓުން މިދިޔަ މަހު ޝަރުތުތަކާއިއެކު އައްމަޓީ ދޫކޮށްލަން ނިންމި އަޑު އެހުމުގައި އޭނާގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ. އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުންގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށްވެސް އެދިފައިވާކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އެކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.
އައްމަޓީ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ