މަކަރާއި ޙީލަތުން އެތައްބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)، ޝަރުތުތަކަކާއިއެކު އަނެއްކާވެސް އައްމަޓީ ދޫކޮށްލައިފިއެވެ.
މިއީ އައްމަޓީ ހައްޔަރުކުރި ފަހުން ކޯޓުން އޭނާ ދޫކޮށްލި ތިންވަނަ ފަހަރެވެ. އެންމެ ފަހުން އައްމަޓީ ދޫކޮށްލައިފައިވަނީ އޭނާގެ އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނުކުރުމަށްފަހު ކަފާލާތުގެ ދަށުންނެވެ.
ކްރިިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އައްމަޓީ ފިލާފާނެ ކަމަށްޓަކައި އޭނާގެ ބަންދު ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ. އައްމަޓީގެ ސިއްހީ ސަބަބުތަކެއް ހުއްޓަސް، ގަވާއިދުން އޭނާ ޑޮކްޓަރަށް ދައްކަމުން ގެންދާ ކަމަށާއި އަދި އޭނާގެ އޮޕަރޭޝަން ކުރުމަށްޓަކައި ޑޮކްޓަރުގެ އެޕޮއިންޓްމަންޓަށް ވެސް އެދިފައިވާ ކަމަށް ދައުލަތުން ވަނީ ފާހަގަ ކޮށްފައެވެ.
އައްމަޓީ ދޫކޮށްލަން އަމުރުކޮށްފައިވަނީ ޝަރުތަކާއެކުއެވެ. އެ ޝަރުތުތައް ދައުލަތަށާއި އައްމަޓީއަށް އަންގަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އެކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ)ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރު މާޗްމަހުގެ 24ވަނަ ދުވަހުއެވެ.
އައްމަޓީ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ، 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ. އެހެންނަމަވެސް އައްމަޓީގެ ޚިޔާނާތުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ