މީގެ ކުރިންނާއި، އަދި މިހާރުވެސް ހިނގަމުންދާ ޚިޔާނާތް ބަލާނެކަމަށް ވައުދުވެ ވެރިކަމަށް އައި މިސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި މިސަރުކާރު ފެއިލްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޚިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަތައް ރަނގަޅަށް ތަހުގީގު ނުކުރެވި ހުރުމުން އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން ވަނީ އިއްޔެ އުވާލާފައެވެ. އެސެޓް ރިކަވަރީ ކޮމިޝަން އުވާލާފައިވާއިރު އެކޮމިޝަނުން ގެންދެވީ ބައެއް މައްސަލަތައް ތަހުގީގްކުރި ކަމަށްބުނެ ރައީސް ޞާލިހަށްވެސް ރިޕޯޓް ހުށަހަޅާފައެވެ.
ޚިޔާނާތް ބެލުމަށް ސަރުކާރުން ވެފައިވާ ވައުދު ފެއިލްވެފައިވާކަން ހާމަކޮށް އުޝާމް ވިދާޅުވީ، 3 އަހަރު ވެގެންދިއިރު ޚިޔާނާތް ނުބެލި އަމިއްލައަށް މިކަންކަން ބެލުމަށް އުފެއްދި ކޮމިޝަން އުވާލުމަކީ މިވައުދު ފެއިލްވެފައިވާކަމުގެ ހެއްކެތް ކަމުގައެވެ.
ހާއްސަ ކޮމިޝަނެއް އުފައްދައިގެން ދައުލަތުގެ މުދަލާއި ފައިސާއަށް ވެފައިވާ ހިޔާނާތްތައް ބަލައި، އެފައިސާ ހޯދުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް. ވެރިކަމަށް އައީ އެވައުދު ވިއްކައިގެން. 3 އަހަރުވީއިރުވެސް އެވައުދު ނުފުއްދުނު. އެކަން ބެލުމަށް މިސަރުކާރު ފެއިލްވެއްޖެ.
– އުޝާމް ވިދާޅުވިއެވެ.
ދައުލަތުގެ ތެރޭގައި ކުރިން ހިނގާގޮސްފައިބާ ކަރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުޤީޤުކޮށް އިންސާފު ޤާއިމްކޮށްދެއްވުމަށްޓަކައި “ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް، ރިޔާސީ ކޮމިޝަނެއް އުފެއްދެވީ، 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހުގައެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރައްވައި ލިޔުން ހަވާލުކުރައްވާފައި ވަނީ 04 ޑިސެމްބަރު 2018 ގައެވެ.
މި ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަން އުފައްދަވައި ނެރުއްވި ޤަރާރުގައި ވިދާޅުވެފައިވެއެވެ. އަދި، އެ ފަދަ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށްވެސް، "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އުފެއްދެވި ޤަރާރުގައި ވެއެވެ.
ކޮމެންޓު ފޮނުވާ