ރަޝީޔާއިން ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައިގެ ވާހަކަތަކަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގޮވާލައްވައިފިއެވެ.
ޤައުމާއި މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވި ޚިތާބުގައި ވަނީ ރަޝިއާ-ޔޫކްރައިންގައި ހިނގާ ހަނގުރާމައާއިމެދު ކަންބޮޑުވުން ފާޅު ކުރައްވައި، ޔޫކްރެއިންގެ ރައްޔިތުންގެ މިހާރުގެ ހާލަތަކާއިމެދު ކަންބޮޑުވާކަން ހާމަ ކުރައްވާފައެވެ.
ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، ރަޝިއާއިން ޔޫކްރޭނަށް ހަމަލާދީ، އެގައުމަށް އަރާފައިވާ ސިފައިން ފޭބުމަށް މިމަހުގެ ދެވަނަ ދުވަހު އދ. ގެ އާއްމު މަޖިލީހުގައި 141 ގައުމުން ގޮވާލި ގޮވާލުމުގައި ރާއްޖޭން ބައިވެރިވެ، ރާއްޖެ ވަނީ ކުދި އަދި ނިސްބަތުން ބާރު ދަށް ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް ރާއްޖޭން އުފުލަމުން އަންނަ އަޑު އަނެއްކާ ވެސް ތަކުރާރު ކޮށްފައި ކަމަށެވެ.
ދެ ގައުމު ދެމެދުގައި ޖެހިފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް، އަދި މަޝްވަރާގެ މޭޒު ދޮށަށް އައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލާ ގޮވާލުން ރާއްޖޭން ވެސް ތަކުރާރު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔޫކްރެއިން މައްސަލަގައި ރާއްޖޭގެ ނިންމުން ވަރަށް ސާފުކަމަށެވެ. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ ކޮންމެ ޤައުމެއްގެވެސް މިނިވަންކަމަށް ކަމުގައެވެ. ކޮންމެ ޤައުމެއްގެވެސް މިނިވަންކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރުން އަބަދުވެސް ޤަބޫލުކުރާނެ ގޮތްކަމަށް ރައީސުލްޖުމްހޫރުއްޔާ ވިދާޅުވިއެވެ.
ރައީސް ވަނީ ހަނގުރާމައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ވެސް ފާހަގަ ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެސަރަހައްދުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ރާއްޖެ ގެނައުމުގެ މަސައްކަތް ކަމުގައެވެ. އެމަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ ރައްޔިތުން ރާއްޖެ ގެނެވިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ