މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުލި ރިޝްވަތުގެ ދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑު އެހުން ނިންމާލައި ހުކުމް ކުރުމަށް ތައްޔާރުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާއި މިނިސްޓަރ މަޚްލޫފުގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24ގައެވެ. މަޚްލޫފްގެ މައްޗަށް އުފުލާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.
މިމައްްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އިސްތިއުނާފު ހުށައެޅީ އެއް ނުކުތާގެ މައްޗަށް ކަމަށެވެ. އެ ނުކުތާ ބިނާވަނީ އިބްތިދާއީ މަރުޙަލާގައި ކަންކަން ހިނގާ ދިޔަ ގޮތުގެ މައްޗަށްކަން ފާހަގަ ކުރައްވައި ދައުލަތުން ވަނީ އެކަމުގެ ޚުލާސާއެއް ދެއްވާފައެވެ. އެގޮތުން ދައުވާ ހުށައެޅިއިރު ހެއްކާ ގުޅިގެން ހުރި ކަންކަމަށް ދައުލަތުން ޖަވާބުދާރީވާން އެންގި ނަމަވެސް، އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާގައި ވާހަކަ ދެއްކޭނެ ކަންކަން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ހައި ކޯޓުގެ ގަޒިއްޔާތަކާއި ހަވާލާދީ ދައުލަތުގެ ވަކީލުން ވިދާޅުވީ މަދަނީ މިންގަނޑުން މައްސަލަ ބެލޭނެ ކަމާއި މެދު ނިންމާއިރު، ހުށަހަޅާފައިވާ ހެކިތައް މާ ފުންކޮށް ފަނޑިޔާރު ވަޒަން ކުރަން ނުޖެހޭނެ ކަމުގައެވެ. އަދި ހެކިތަކުން ދައުވާ ސާބިތުވާ ކަން ނުވަތަ ނޫން ކަން ކަނޑައެޅޭ ވަރަށް ވަޒަން ކުރަން ނުޖެހޭނެ ކަމަށެވެ.
މިިއަޑުގެ އަޑު އެހުމުގައި މަޚުލޫފްވަނީ އޭނާގެ ދިފައުގައި ވާހަކަ ދައްކަދައްކަވާފައެވެ. މަހުލޫފް ވިދާޅުވީ މިމައްސަލައަކީ ވަރަށް ބޮޑަށް ޒާތީ ވެފައިވާ މައްސަލައެއް ކަމަށެވެ. މިމައްސަލާގައި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން 6 ދުވަސް ތެރޭގައި ދައުވާ ކުރަން ކުރާނެކަމަށް ބުނި ނަމަވެސް 6 މަސްވީއިރުވެސް ދައުވާ ކޮށްފައި ނުވާކަމަށެވެ. މަޚްލޫފް ވިދާޅުވީ އޭނާ މަޖިލީހުގައި އޭރު އެސްއީޒެޑް ބިލަށް ވޯޓު ދިނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕްލައިނާއި އެއްގޮތަށް ކަމުގައެވެ. އަދި އެވޯޓުގައި އެއްވެސް ކޮރަޕްޝަނެއް ހިނގާފައި ނުވާނެކަމަށާއި، އަދި ވޯޓުދޭ ގޮތަކުން މެމްބަރަކާއިމެދު ޤާނޫނީ ފިޔަވަޅު ނޭޅޭނެކަމަށް ޤާނޫނު އަސާސީގައިވެސް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ.
އަޅުގަނޑު މިދަންނަވަނީ ފެށުނީއްސުރެ ދައުލަތުން އަޅުގަނޑާ މެދު އަމަލުކުރަމުން އައި ގޮތް. އަޅުގަނޑުގެ އަމިއްލަ ކްރެޑިޓް ކާޑަކުން ކޮންމެ ތަނަކު ބޭނުންކުރިޔަސް ހެވޭ.
– މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ޝީނާ މުހައްމަދު ވިދާޅުވީ މަސްތުވާއެއްޗެއް ހުރި ޕެކެޓުގެ ބޭރުން އިނގިލީގެ ނިޝާން ފެނުމުން ވެސް، އެއީ މަދަނީ މިންގަނޑުން ބަލާއިރު އެކަށީގެންވާ ހެއްކެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައި އެބައޮތް ކަމަށެވެ. އަދި ދައުލަތުން ބުނާހާ ލުއިކޮށް މަދަނީ މިންގަނޑުން ގޮތެއް ނިންމަން ޖެހޭ ނަމަ، ކުރިއަށް ނުގެންދެވޭނެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި އެކަމަކު އެއީ ގާނޫނުގެ ރޫހެއް ނޫން ކަމަށް ޝީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަހްލޫފަށް ފައިސާ ލިބުނީ ރިޝްވަތުގެ ގޮތުގައި ކަން ސާބިތުކުރަން ހުށަހެޅި ހަމައެކަނި ހެއްކަކީ އަދީބު ކަމަށެވެ. އަދި އަދީބުގެ ހެކިބަސް ކޯޓުން ވަޒަންކުރީ ވެސް އޭނާއަކީ އަދުލުވެރި މީހެއް ކަމަށް ނިންމައިގެން ކަމަށް ޝީނާ ވިދާޅުވި އެވެ. އެހެންވުމުން ދަށު ކޯޓުން ހެކިތަކުގެ އެންމެ ފުނަށް ވަޒަން ކުރީ ކަމަށް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ އަދުލު އިންސާފު ގާއިމުކުރަން ހުރި އެންމެ އިސް ބޭފުޅާ ސޯޝަލް މީޑިއާގައި އޭނާގެ މައްސަލައަށް ނިސްބަތްކޮށް ހުތުރުކޮށް ވާހަކަތައް ދެއްކުމަކީ މި މައްސަލަ ޒާތީ ވެފައި އޮތް މިންވަރު އެނގިގެންދާ ކަމެއް ކަމަށެވެ. ދައުލަތުން ވަނީ މަހުލޫފުގެ ވާހަކަތައް ހުއްޓުވައި ކަމާ ނުގުޅޭ ވާހަކަތައް ދައްކާތީ އިއުތިރާޒް ކޮށްފައެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދެފަރާތުގެ ވާހަކަތަކަށް ފުރުސަތު ދެއްވުމަށްފަހު ދެން އޮންނަ ޝަރީއަތުގެ މަޖިލީހުގައި މިމައްސަލާގައި ހުކުމް ކުރާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ