ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ޕާޓީ އަކަށް ލީ ހެދުމަކާ ގުޅިގެން އޭނާއަށް ގިނަ ބަޔަކު މަލާމާތް ކޮށްފިއެވެ.
މީގެ ކުރިންވެސް ވަނީ މަލައިކާ ހިނގާ ގޮތަށާއި ލާ ކުރުހެދުން ތަކުގެ ސަބަބުން ފާޑުކިއުން އަމާޒުވެފައެވެ. ފަރްހާން އަހްތަރާއި ޝިބާނީގެ ކައިވެނި ހަފްލާއަށް މަލައިކާ ދިއައީ ވަރަށް ހާމަކަން ބޮޑު ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ.
މި ޕާޓީއަށް ގޮސްފައިވަނީ މަލައިކާގެ "ބީއެފްއެފް ގޭންގް" އާއެކުގައެވެ. އެއީ ކަރީނާ ކަޕޫރު އާއި ކަރިޝްމާ ކަޕޫރު އަދި މަލައިކާގެ ކޮއްކޮ އަމްރުތާއެވެ. މި ޕާޓީއަށް ވަނުމުގެ ކުރިން އެމީހުން ވަނީ މީޑިއާއަށް ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ.
48 އަހަރުގެ މަލައިކާ ނޫން ތަރިން ތިބީ ޑީސެންޓްކޮށް ހެދުން އަޅައިގެން ކަމަށާއި ނަމަވެސް މަލައިކާ ހުރީ ވަރަށް ނިވާކަން ކުޑަ ހެދުމެއްގައި ކަމަށް ބުނެ ފާޑު ކީ މީހުންނަށް އޭނާ ވަނީ ހޫނު ރައްދެއް ދީފައެވެ.
މަލައިކާ ބުނީ އެމީހުންނަކީ ވަރަށް ދެފުއް ކެހެރި، ވިސްނުން ކޮށި ބައެއް ކަމަށެވެ. އަދި ހޮލީވުޑްގެ ފަންނާނުން ކަމުގައިވާ ރިހާނާ އާއި ޖެނިފާ ފަދަ ތަރިއަކު އެފަދަ ހެދުމެއް ލައިފިނަމަ ތައުރީފު ކުރާ ކަމަށް ބުނެފައިވެއެވެ. އަދި މަލާމާތް ކުރި މީހުން ގެ ވިސްނުން ކޮށީ ކަމަށާއި އެމީހުނަކީ އަބަދުވެސް ބޭއިންސާފުކޮށް ވަކި ބަޔަކަށް ނިސްބަތްކޮށް މަލާމަތް ކުރާ މީހުން ކަމަށް ވެސް މަލައިކާ ބުނެފައިވެއެވެ.
މަލައިކާ ބުނެފައިވަނީ ކަޅުކުލައިގެ އެ ހެދުން އޭނާ އަށް ވަރަށް ރީތި ކަމަށާއި، އެހެދުން ލީ ހަމަ ކަމުދާތީ ކަމަށެވެ.
މަލައިކާ އަކީ ޝޯ ތަކުގައި ޖަޖުކަން ކުރުމުގެ އިތުރުން ބޮލީވުޑްގެ އައިޓަމް ގާލްގެ ގޮތުގައި މަޝްހޫރު ތަރިއެކެވެ.