ވިޖޭ ކައިރިން ވަރިވާން ސަންގީތާ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

ވިޖޭ ކައިރިން ވަރިވާން ސަންގީތާ ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި

Author
އަހުމަދު
08 އޮގަސްޓް 2026 10:58
0

ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އަދި ދެކުނު އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) ކައިރިން ވަރިވުމަށް އެދި އަންހެނުން ސަންގީތާ ސޮރްނަލިންގަމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ސަންގީތާ މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެން، ޗެންގަލްޕަޓޫ ޑިސްޓްރިކްޓް ކޯޓުން ވަނީ އެ މައްސަލަ ނިންމާލައިފައެވެ. ސަންގީތާ މި މައްސަލަ ފުރަތަމަ ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި އަހަރުގެ ފެބްރުއަރީ މަހު އަޑުއެހުންތައް ފެށި ނަމަވެސް، ޓަމިލް ނާޑޫގެ އެސެމްބްލީ އިންތިޚާބާ ދިމާކޮށް ތަކުރާރުކޮށް އަޑުއެހުންތައް ތާވަލުކުރެވި، ދެ ފަރާތުން ހާޒިރު ނުވުމުގެ ސަބަބުން މައްސަލަ ފަސްކުރެވުނެވެ.

ސްރީލަންކާއަށް ނިސްބަތްވާ ސަންގީތާ ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ވިޖޭ އޭނާއަށް ނަފްސާނީ ގޮތުން އިހާނެތިކޮށް ހިތާ ކަމަށާއި، ބޭވަފާތެރި އަމަލުތައް ހިންގާ ކަމަށެވެ. އެގޮތުން، ވިޖޭ ބަތަލާއަކާ ގުޅުން ބާއްވާ ކަމަށާއި، އޭނާއަށް އަޅާނުލާ ކަމަށް ވެސް ސަންގީތާ ތުހުމަތުކުރިއެވެ. ކައިވެނި ރޫޅާލުމުގެ އިތުރުން، ދިރިއުޅޭނެ ތަނަކާއި ދާއިމީ މާލީ އެހީތެރިކަން ހޯދުމަށް ވެސް ސަންގީތާ އެ މައްސަލައިގައި އެދިފައިވެއެވެ.

ވިޖޭ އާއި ސަންގީތާ ކައިވެނިކުރީ 1998 ވަނަ އަހަރު އިނގިރޭސިވިލާތުގައެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ޗެންނާއީގައި ކުލަގަދަ ކައިވެނީގެ ހަފުލާއެއް ބާއްވާފައިވާއިރު، މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެއެވެ. ވިޖޭ އަކީ ދެކުނު އިންޑިއާގެ ފިލްމީ ދާއިރާގައި އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ މީހަކަށްވި ނަމަވެސް، ސަންގީތާ ފާހަގަކުރެވެނީ މީޑިއާތަކާ ވަރަށް ދުރުކޮށް އުޅޭ މީހެއްގެ ގޮތުގައެވެ. ވަރީގެ މައްސަލައާ ގުޅިގެން ދެ ފަރާތުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.