އާޝާ ބޮސްލޭގެ ފަހު ލަވަ "އާޝާ ފޮރެވާ" އޭނާގެ 93 ވަނަ އުފަންދުވަހާ ދިމާކޮށް ނެރެފި

އާޝާ ބޮސްލޭގެ ފަހު ލަވަ "އާޝާ ފޮރެވާ" އޭނާގެ 93 ވަނަ އުފަންދުވަހާ ދިމާކޮށް ނެރެފި

Author
އަހުމަދު
10 ސެޕްޓެމްބަރ 2026 08:51
0

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރުހޫމް އާޝާ ބޮސްލޭ ރެކޯޑުކުރި އެންމެ ފަހު ލަވަ "އާޝާ ފޮރެވާ"، އޭނާގެ 93 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ އަންގާރަ ދުވަހު އާންމުކޮށްފިއެވެ.

މި ލަވަޔަކީ ހަރީޝް ވިޔާސް ޑައިރެކްޓުކުރާ "އޯމް ކާ ހަރީ" ފިލްމަށް، މަޝްހޫރު މިއުޒީޝަން އޭ.އާރު ރަހްމާނާ ގުޅިގެން އާޝާ ރެކޯޑުކުރި ލަވައެކެވެ. މިއީ އުމުރުން 92 އަހަރުގައި މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އޭނާ މަރުވުމުގެ ކުރިން ސްޓޫޑިއޯއެއްގައި ރެކޯޑުކުރި އެންމެ ފަހު ލަވަކަމުން، ފިލްމުގެ ޓީމުން މި ލަވަ ސިފަކުރަނީ ފަންނާނުންނަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައެވެ.

ލަވަ ނެރުމުގެ ޚާއްސަ ރަސްމިއްޔާތު ބޭއްވީ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު ދެވޭންދުރަ ފަޑްނާވިސްގެ އޮފީހުގައި ކަމަށްވާއިރު، މި ރަސްމިއްޔާތުގައި އާޝާގެ މާމަދަރިފުޅު ޒަނާއި ބޮސްލޭ ވެސް ބައިވެރިވިއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރަހްމާން ބުނީ، އާޝާއަކީ މުޅި އިންޑިއާ ފަޚުރުވެރިވާ ފަދަ ފަންނާނެއް ކަމަށާއި، އިންޑިއާގެ މިއުޒިކު ބައިނަލްއަޤުވާމީ ފެންވަރަށް ގެންދިއުމުގައި އޭނާގެ އަޑު މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އަދި ރެކޯޑިންގެ ތެރޭގައި އާޝާ ދެއްކި ހިތްވަރަކީ ހަގީގީ ލެޖެންޑެއްގެ ކިބައިން ނޫނީ ނުފެންނާނެ ފަދަ ވަރުގަދަ ހިތްވަރެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރަހްމާނާއި އާޝާއަކީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި "ރަންގީލާ ރޭ"، "ތަންހާ ތަންހާ" އަދި "ކަހީން އާގް ލަގޭ" ފަދަ މަގުބޫލު ގިނަ ލަވަތަކެއް އެކުގައި އުފައްދާފައިވާ ދެ ފަންނާނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.