އިރުމަތީ ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ އެގައުމުގެ ދެސަރަހައްދު ކަމުގައިވާ ޑޮނެސްކްއާއި ލުހާންސްކައަކީ މިނިވަން ދައުލަތެއް ކަމުގައި ކަނޑައަޅާ، މި ދެ ސަރަހައްދުގެ މިނިވަންކަން ރަސްމީކޮށް ރަޝިއާއިން ބަލައިގެންފިއެވެ.
އަދި މިސަރަހައްދަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމުގެ ގަރާރުގައި ސޮއި ކުރެއްވުމަށްފަހު، މިސަރަހައްދުތަކުގައި ވަކިވެގަތުމަށް ހަނގުރާމަ ކުރަމުންދާ ހަގުރާމަވެރި ލީޑަރުންނާއިއެކު ވެފައިވާ އެއްބަސްވުންތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމުގައި ވިދާޅުވެ، މި ސަރަހައްދުގެ ސުލްހަ ބެލެހެއްޓުމަށް އެސަރަހައްދުތަކަށް ރަޝިއާ ސިފައިން ފޮނުވުމަށްވެސް ޕުޓުންވަނީ ރަޝިއާގެ އަސްކަރިއްޔާއަށް އަންގަވާފައެެވެ.
މިގޮތުން ޕުޓިންވަނީ، ރަޝިއާގެ ސުލްހަ ބަލަހައްޓާ ސިފައިން މި ސަރަހައްދުތަކުގެ ސުލްހަ ބެލެހެއްޓުމަށް އަމުރުކޮށް، ރިޔާސީ ދެގަރާރެއް ނެރުއްވާފައެވެ.
ރަޝިއާގެ ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވެފައިވަނީ، "މީގެ މާކުރިންވެސް ރަޝިއާއިން ނިންމަންޖެހިފައިވާ ކަމަށް ދެކޭ މުހިންމު ނިންމުން ނިންމާ، ޑޮނެސްކު ޕީޕަލްސް ރިޕަބްލިކްއާއި ލުހާންސް ޕީޕަލްސް ރިޕަބްލިކްގެ މިނިވަންކަން ވަގުތުން ވަގުތަށް ބަލައިގަތުމަށް ނިންމާއިފިން،" ކަމުގައެވެ.
ޔޫކުރެއިންގައި ވަކިވެގަތުމަށް ހަގުރާމަ ކުރަމުންދާ ހަގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަަހައްދުތަކުގެ މިނިވަންކަން ބަލައި ނުގަތުމަށް ހުޅަގުން އައީ ރަޝިއާއަށް އިންޒާރު ކުރަމުންނެވެ. އަދި ރަޝިއާއިން މި ސަރަހައްދުތަކަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމާއި ގުޅިގެން، މި ސަރަހައްދުތަކުގައި ސުލްހަ ގާއިމް ކުރުމަށް ކުރެވެމުން އައި މަސައްތަކަށް މިހާރުވަނީ މުޅިން ވަޅުޖެހިފައެވެ.
ރަޝިއާގެ ރައީސް ޕުޓިންގެ މިނިންމުމާއިއެކު، މި ސަރަހައްދުތަކަށް ރަޝިއާ ސިފައިން ފޮނުވުމުގެ ފުރުސަތު މިހާރުވަނީ ޕުޓިން އަށް ފަހިވެގެން ގޮސްފައެވެ.
ޕުޓިންގެ މިނންމެވުން ހުލަނގުގެ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ. އަދި ރަޝިއާއިން ޔޫކުރެއިންގެ މިނިވަންކަމަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ ރަޝިއާގެ މިނިންމެވުން ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ ކުށްވެރި ކޮށްފައެވެ. އަދި ޔޫކްރެއިން ވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އެމަރޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވާފައެވެ.
ޕުޓިންގެ ނިންމެވުމާއެކު އިނގިރޭސިވިލާތުން ބުނެފައިވަނީ ރަޝިއާއާއި ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދު އެގައުމުން އިއުލާން ކުރާނެކަމުގައެވެ. އަދި ފްރާންސްއިން ބުނެފައިވަނީ، ޔޫކުރެއިންގެ މިނިވަންކަމަށް ރަޝިއާއިން އަރައިގެންފައި ވާކަމަށާއި، ރަޝިއާއާއި ދެކޮޅަށް ގުޅިފައިވާ ފިޔަވަޅުތައް އެޅުމަށް އެގައުމުން އެމެރިކާ އަދި އިނގިރޭސިވިލާތާއި މަޝްވަރާ ކުރަމުންދާކަމުގައެވެ.
އެމެރިކާއިން ބުނެފައިވަނި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ އެމަޖެންސީ ބައްދަލުވުމެއް ބޭއްވުމަށް ޔޫކުރެއިން ގޮވާލި ގޮވާލުމަށް އެގައުމުން ތާއީދު ކުރާކަމަށާއި، ރަޝިއާއިން ޔޫކްރެއިންގެ މިނިވަންކަމަށް އަރައިގަތުން ހަރުކަށިކޮށް ކުށްވެރި ކުރާކަމުގައެވެ.
ކޮމެންޓު ފޮނުވާ