ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް 560 ފަރާތަކާ ގޯތި ޙަވާލުކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި ޢަދަދަކީ ފޭސް 3އިން ގޯތި ލިބުނު ފަރާތްތަކުގެ ޖުމްލައިގެ 80 އިންސައްތަކަމަށާއި، ބާކީ ހުރި ގޯތިތައްވެސް ވީހާ އަވަހަކަށް ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ގޯތި ޙަވާލުކުރުމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ މާރިޗު 26 ވަނަ ދުވަހުއެވެ. ގޯތި ދޫކުރަނީ ބިމުގެ ވެރިފަރާތުން ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅައި، ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހުކަމަށްވެސް ވުޒާރާއިން ފާހަގަކުރެއެވެ.
ފޭސް 3ގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން، 698 ފަރާތަކަށް ކުރިން ކަނޑައެޅި ގޯތީގެ ލޮކޭޝަން ބަދަލުކުރަން ޖެހުނުކަމަށާއި، މި ފަރާތްތަކަށް އަލުން ގޯތި ކަނޑައެޅުމުގެ ގުރުއަތުލުން ފާއިތުވި އަހަރުގެ ޑިސެމްބަރު 20 ވަނަ ދުވަހު ކުރިއަށްގެންދިޔަ ކަމަށްވެސް ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ފޭސް 3އިން ދޫކޮށްފައިވާ ގޯތިތަކުގެ ބޮޑުމިނާއި ޢަދަދަށް ބަލާއިރު، 1650 އަކަފޫޓުގެ 181 ގޯއްޗާއި، 2050 އަކަފޫޓުގެ 242 ގޯއްޗާއި، 2450 އަކަފޫޓުގެ 132 ގޯއްޗެވެ. މީގެ އިތުރުން 2850 އަކަފޫޓުގެ 62 ގޯއްޗާއި، 3250 އަކަފޫޓުގެ 41 ގޯއްޗާއި، 3650 އަކަފޫޓުގެ 16 ގޯއްޗާއި، 4000 އަކަފޫޓުގެ 24 ގޯއްޗެއް ހިމެނެއެވެ.
ނިމިދިޔަ ސަރުކާރުން މި ގޯތިތައް ދޫކުރިއިރު ސަރަޙައްދު އޮތީ ނުހިއްކައި ކަމަށާއި، މިހާރުގެ ސަރުކާރުން 63 ހެކްޓަރުގެ ބިން އަލަށް ހިއްކުމަށްފަހު ޙައްޤުވެރިންނަށް ގޯތި ދޫކުރަން ފެށީކަން ވުޒާރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ޙަވާލުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ