ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ގޮވާލައިފި

ގަވަރުނަރު މަޖިލީހަށް ހާޒިރުކުރަން އެމްޑީޕީން ގޮވާލައިފި

Author
އަހުމަދު
11 އޮގަސްޓް 2026 02:02
0

ބޭރު ފައިސާގެ ބާޒާރު ގޯސްވެ، ޑޮލަރުގެ އަގު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 27 ޕަސެންޓަށް އުފުލިފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި، އެމްޑީޕީގެ މައިކްރޯއިކޮނޮމިކް ކޮމިޓީގެ މުގައްރިރު ހުސެން އަމްރު ވިދާޅުވީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް، އަވަސް ފުރުސަތެއްގައި ގަވަރުނަރު ހާޒިރުކޮށްދިނުމަށް އެދޭ ކަމަށެވެ.

ޖުލައި 2024 ގައި ޑޮލަރެއްގެ އަގު ހުރީ 17.40 ރުފިޔާއަށް ކަމަށާއި، އެހެންނަމަވެސް، މިއަދު ބާޒާރުގައި ޑޮލަރެއް ލިބެނީ 22.10 ރުފިޔާއަށް ކަމަށް އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ހަމައެކަނި ބޭންކުތަކާއި ފައިސާ މާރުކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިކަމެއް ނޫން ކަމަށާއި، ދިރިއުޅުމުގެ އަގާ ސީދާ ގުޅިފައިވާ، ކޮންމެ ގޭބިސީއަކަށް ތަކުލީފު ބޮޑުވަމުންދާ މައްސަލައެއް ކަމަށް އެމްޑީޕީން ސިފަކުރެއެވެ.

ރާއްޖޭގައި ރަސްމީ އެކްސްޗޭންޖް ރޭޓެއް ކަނޑައެޅިފައި އޮތް ނަމަވެސް، ޑޮލަރުގެ ކަޅު ބާޒާރު ފާޅުކަން ބޮޑުކޮށް ހިންގަމުންދާއިރު، އެ ބާޒާރުގެ އަގުތައް އެންމެންނަށްވެސް އެނގޭ ކަމަށާއި، މިކަން އެމްއެމްއޭއަށް ސިއްރުވެފައި އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް އަމްރުގެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު ތަފާތު ބޮޑުވެފައި ވަނީ ކީއްވެގެންތޯއާއި، ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވި ސަބަބާ ބެހޭގޮތުން ސާފު ޖަވާބެއް ބޭނުންވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ. ހަމައެއާއެކު، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަނީ ކިހިނެއްތޯއާއި، ޑޮލަރުގެ ކަޅު ބާޒާރު ފުޅާވާން ފުރުސަތު ދެވިފައި އޮތީ ކީއްވެގެންތޯ ސުވާލު އުފައްދާފައިވެއެވެ.

ޑޮލަރު ހަމަ އަގުގައި ލިބޭނެ މަގު ފަހިކުރުމަށް އެމްއެމްއޭގެ ޕްލޭނަކީ ކޮބައިކަމާއި، އެ ޕްލޭން ތަންފީޒުކުރަން ފެށޭނީ ކޮން އިރަކުންތޯ ސާފުކުރުމަށްވެސް އެމްޑީޕީން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.