މާކަނޑުގެ ފުނުން ފެން ނަގައިގެން މީރުފެން އުފެއްދުމުގެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކުންފުނި (އެމްޑަބްލިޔުއެސްސީ) އިން ފަށައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ މަޝްރޫއަކަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ.
ދިރާސާގެ މަސައްކަތް ކުރަނީ ސަބްސީ ޑީސެލިނޭޝަން ޓެކްނޮލޮޖީ ތަރައްޤީކޮށްފައިވާ ނޯވޭގެ "ފްލޯޝަން" ކުންފުނީގެ ޓެކްނިކަލް ޓީމަކުންނެވެ. އެ ޓީމުން ކަނޑުގެ 500 މީޓަރު އަޑިން ފެނުގެ ސާމްޕަލްތައް ނަގާފައިވާއިރު، އެއީ އެ ޓީމަށް މިހާތަނަށް ފެނިފައިވާ އެންމެ ސާފު ކަނޑުފެން ކަމަށް ބުނެފައިވެ އެވެ. މި ސާމްޕަލްތައް މީރުފެން އުފައްދަން ބޭނުންކުރާ ފީޑް ވޯޓަރގެ ސްޓޭންޑަޑްތަކަށް ފެތޭތޯ ބެލުމަށް ލެބޯޓަރީގައި ޓެސްޓުކުރާނެ އެވެ.
އެމްޑަބްލިޔުއެސްސީގެ ހުސައިން ފަހުމީ ވިދާޅުވީ ބޯހޯލުން ނަގާ ލޮނުފެނަށްވުރެ ފުނުން ލިބޭ ފެނުގައި އޯގަނިކް މެޓީރިއަލްސް މަދުވާތީ، ފެން އުފެއްދުމުގެ އެފިޝިއެންސީ އިތުރުވެ ހަރަދު ވަރަށް ކުޑަވާނެ ކަމަށެވެ. މި މަޝްރޫއަކީ ކުންފުނީގެ ފެން އުފެއްދުމުގެ ޤާބިލުކަން އެތައް ގުނައެއް ބޮޑުކޮށްދޭނެ ކާމިޔާބު މަސައްކަތަކަށް ވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވި އެވެ.
މިހާރު ރާއްޖޭގައި ފެން އުފައްދަނީ ލޮނުފެން އެއްގަމަށް ޕަމްޕުކޮށް، ގިނަ ހަކަތައެއް ބޭނުންކޮށްގެން މެމްބްރޭންތަކުގެ ތެރެއިން ފިލްޓަރ ކޮށްގެންނެވެ. އާ ނިޒާމުގައި ފެން އުފެއްދުމުގެ ބޮޑު ބައެއް ކުރިއަށް ގެންދާނީ ކަނޑުގެ އަޑީގަ އެވެ. މި މަޝްރޫއު 2027 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާނެ އެވެ.
ކޮމެންޓު ފޮނުވާ