ބްރިޖު ހައިވޭގައި ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި މިއަދު ފަތިހު ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ވެސް ޔޫރިން ޓެސްޓު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެއްޖެއެވެ.
ހައްޔަރުކުރީ އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލުގައި ތިބި ދެމީހުންނާއި، އެމީހުންނާއެކު ބާރު ސްޕީޑުގައި ދުއްވި އަނެއް ސައިކަލުގައި ތިބި ދެމީހުންނެވެ. އެއީ ސ. ހިތަދޫ، ފެނީވާ އަހުމަދު މާއިޝް މުހައްމަދު މާހިރު (21)، ހ. ފިލްމީސައިޓް އަނޫފް ބިން މުހައްމަދު (21)، ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ އަބްދުﷲ ސައްމާހު ހަސަން ސޯދިގު (20) އަދި ގއ. ޝިމާގް އަހުމަދު ސިނާޒް (30) އެވެ.
ކްރިމިނަލް ކޯޓުގައި ފުލުހުން ބުނީ، ނުރައްކާތެރި ގޮތުގައި ދުއްވަމުން ދިޔަ ސައިކަލެއް ފުލުހުންގެ ވީސީޕީ ބެރިކޭޑުގައި ޖެހި، އެތަނުގައި ހުރި އޮފިސަރުގެ ގައިގައި ޖެހުނު ކަމަށެވެ. އޮފިސަރުގެ އަނގަމަތި ފަޅައިގެން ގޮސް ދަތް ބިނދިފައިވާއިރު، އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދެއެވެ. ހާދިސާއަށް ފަހު ހޮސްޕިޓަލުގައި އަޑުގަދަކޮށް، ފުލުހުންނަށް ހަޑިހުތުރު ބަސްބުނެ، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ވެސް ފުލުހުން ބުނެއެވެ.
ހަތަރު މީހުންގެ މައްޗަށް ކުރަނީ މަސްތުގެ ހާލަތުގައި، އާންމުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދު ދުއްވުމުގެ ތުހުމަތެވެ. ވަކީލުންގެ ފުރުސަތަށް އެމީހުން އެދުމުން، ކޯޓުން ވަނީ ފަސް ދުވަހުގެ ކުރު ބަންދެއް އިއްވާފައެވެ.
މި ހާދިސާއާ ގުޅިގެން ސީޕީ އަހްމަދު މުހައްމަދު ވިދާޅުވީ، މި އަމަލަކީ ނުރައްކާތެރިކޮށް ދުއްވާ މީހުންނާ ދެކޮޅަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، ފުލުހުންގެ ހިތްވަރު ދަށްކުރުމަށް ގަސްދުގައި ހިންގި ކަމެއް ކަމަށެވެ. ހާދިސާ ހިނގި ވަގުތު އިތުރު ތިން ސައިކަލެއް ވެސް ބައިވެރިވި ކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ