ހައްލެއް ނުލިބެނީސް ހަޅުތާލު ނުނިންމާނަން: ސައީދު

ހައްލެއް ނުލިބެނީސް ހަޅުތާލު ނުނިންމާނަން: ސައީދު

Author
އަހުމަދު
17 އޮކްޓޯބަރ 2026 11:55
0

 

ކަށިމާހިނގުނާއި ދޫހިމެރިމަގުގައި ދިރިއުޅޭ ރައްޔިތުންނަށް ދިގު މުއްދަތެއްގައި އުނދަގޫކުރަމުން އަންނަ މީހެއްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގޮވާލައި، ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ފުލުހުންގެ މައި އިދާރާގައި ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު، އޭނާ އެ ތަނުން ނެރުމާ ގުޅިގެން އާއިލާއާއެކު މަޖީދީމަގަށް ބަދަލުކޮށްފިއެވެ.

ވާހަކަ ދައްކަމުން މި އަންނަނީ ވޭތުވެދިޔަ ދޮޅު އަހަރު ދުވަހު އަހުމަދު ފައިރިޝް ކިޔާ މީހަކު އެ ސަރަހައްދުގައި ހިންގަމުން ދިޔަ ނުރައްކާތެރި އަމަލުތަކުގެ މައްސަލައެވެ. މަގުމަތިން ދާ މީހުންނަށް ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި، ފުޅިން ތެޅުމާއި، ބެލްކަނީން ތެލާއި ފެން އުކުމާއި، ރޭގަނޑު އަޑުގަދަކޮށް ހަޅޭއްލެވުމާއި، ހުއްދައެއް ނެތި ގޭގެއަށް ވަނުން ފަދަ ކަންކަމުގެ ވީޑިއޯ ހެކިތައް ސައީދު ވަނީ އާންމުކޮށްފައެވެ.

ސައީދު ހަޅުތާލު ފެށުމާ ގުޅިގެން ފުލުހުން ވަނީ ފައިރިޝް ހައްޔަރުކޮށްފައެވެ. ނަމަވެސް ކުރު މުއްދަތަކަށް ފަހު އޭނާ ދޫކޮށްލާނެ ކަމަށް ބަލައި، ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ނުނިންމާނެ ކަމަށް ސައީދު ބުނެއެވެ.

ފުލުހުންގެ އިދާރާގައި 14 ގަޑިއިރު ހޭދަކުރުމަށް ފަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ސައީދު ވަނީ މުއައްސަސާތަކުގެ ޖަވާބުތައް ހާމަކޮށްފައެވެ. އޭނާ ބުނި ގޮތުގައި، ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ، އަންނަ ހަފުތާއަށް ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ތާވަލުކޮށްފައިވާ ކަމަށް ބުނިއެވެ. ޝަރުތު ހަމަނުވާ ކަމަށް ބުނެ އެންޑީއޭއިން، އަދި ނަފްސާނީ ބަލިމީހަކަށް ނުވާތީ އެޗްޕީއެސްއެންއިން ވެސް އޭނާގެ ޒިންމާ ނަގަން ދެކޮޅު ހަދާފައިވާއިރު، ހެކި މަދުކަމުން މައްސަލަ ކޯޓަށް ނުފޮނުވޭނެ ކަމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށް ސައީދު ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، ފުލުހުންގެ މަރުކަޒެއްގެ ތެރޭގައި ހަޅުތާލު ކުރުމުގެ ފުރުސަތު ނުދެވޭނެ ނަމަވެސް، ގާނޫނީ އިމުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި، އެހެން މުއައްސަސާތަކާ ގުޅިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.