މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، ގޭންގުތަކުން ހިންގާ މާރާމާރީއެއްގައި އެއްވެސް ދިވެއްސެއްގެ ފުރާނަ ގެއްލިފައި ނުވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމަށް ފުލުހުންގެ ހިދުމަތުގައި އަލަށް ގާއިމުކުރެވުނު ޔުނިޓުގެ މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. ކުށްކުރާ ސަރަހައްދުތައް ރެޔާއި ދުވާލު އެ ޔުނިޓުން ބެލެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މާރާމާރީ ހިންގާ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކޮވިޑް-19ގެ ދުވަސްވަރު ފިޔަވައި 2007 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ކޮންމެ އަހަރަކުހެން ގޭންގު ކުށްތަކުގައި ދިވެހިން މަރުވަމުން ގޮސްފައިވާ ކަން ފާހަގަކުރެއްވިއެވެ. ބައެއް އަހަރުތަކުގައި މި އަދަދު އެވްރެޖުކޮށް ފަސް މީހުންނަށް އަރާފައިވާ ކަމަށްވެސް ތަފާސްހިސާބުތަކާ ހަވާލާދެއްވައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ހަމައެކަނި ކުށްވެރިން ޖަލަށްލުން ނޫން ކަމަށާއި، ކުށުގެ ވެށިން ޒުވާނުން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ގެނެސް ވަޒީފާގެ މައިދާނަށް ނެރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މިހާރު ވެސް ގިނަ ޒުވާނުންތަކެއް ރީހެބިލިޓޭޓް ކުރެވި، ރަނގަޅު މަގު އިހުތިޔާރުކޮށްފައިވާ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ކޮމެންޓު ފޮނުވާ