މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މި ތަފާސްހިސާބުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. މި ވަބާއަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި 2024 އިން 2028 އަށް އެކުލަވާލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައި ވެސް މިކަމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްލިމް ވިދާޅުވި ގޮތުގައި، ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭ ގޮތުން ޖުމްލަ 1،141 އޮޕަރޭޝަނެއް ފުލުހުން ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު ފަސް އޮޕަރޭޝަނެވެ. މި މުއްދަތުގެ ތެރޭގައި 1،875 މީހަކު ހައްޔަރުކޮށްފައިވާއިރު، ޝައްކުކުރެވިގެން 23،249 ފަހަރު މީހުން ބަލައި ފާސްކުރި ކަމަށާއި، 7،309 ފަހަރު އެކި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ތެރެއިން އެންމެ ގިނަ ބައެއް އަތުލައިގެންފައިވަނީ މާލެ ސަރަޙައްދުންނެވެ. އެގޮތުން މާލެ ސަރަޙައްދުން 137.85 ކިލޯ، ދެކުނުގެ އަތޮޅުތަކުން 3.06 ކިލޯ އަދި އުތުރުގެ އަތޮޅުތަކުން 3.45 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ. މީގެ އިތުރުން 1،856 ފުޅި ބަނގުރާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އަތުލައިގެންފައިވާ 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މަގުމަތީ އަގު 120.2 މިލިއަން ރުފިޔާއަށް އަރާއިރު، ޖުމްލަ 121.2 މިލިއަން ރުފިޔާގެ ތަކެތި މި މުއްދަތުގައި ފުލުހުން ވަނީ އަތުލައިގެންފައެވެ.
މި މުއްދަތުގައި މަސްތުވާތަކެތީގެ 1،533 މައްސަލައެއް ތަޙުޤީޤުކޮށްފައިވާއިރު، 634 މައްސަލައެއްގެ ތަޙުޤީޤު ނިންމައި ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރާއްޖޭގެ 17 އަތޮޅެއްގައި ޚާއްޞަ 260 އޮޕަރޭޝަނެއް ހިންގައި 266 ތަނެއް ބަލައި ފާސްކޮށް 298 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މުސްލިމް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝާމިލްވި 116 ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ޙަވާލުކޮށްފައިވާއިރު، 37 މީހަކު ފަރުވާއަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކާ ޙަވާލުކޮށްފައިވާ ކަމަށާއި، ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 6 ތަނެއް މާލެ ސަރަޙައްދުން ބަންދުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ