ބޭންކިންގ ނިޒާމުގެ އިތުބާރު ގެއްލިއްޖެނަމަ ޤައުމަށް އިޔާދަނުކުރެވޭ ގެއްލުންތަކެއް ވެދާނެ: ބީއެމްއެލް

ބޭންކިންގ ނިޒާމުގެ އިތުބާރު ގެއްލިއްޖެނަމަ ޤައުމަށް އިޔާދަނުކުރެވޭ ގެއްލުންތަކެއް ވެދާނެ: ބީއެމްއެލް

Author
އަހުމަދު
11 އޮގަސްޓް 2026 02:05
0

ރާއްޖޭގެ މާލީ ނިޒާމަށް އޮންނަ އިތުބާރު ގެއްލިއްޖެނަމަ، މުޅި ޤައުމަށް އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބޭއްވި "އިޤްތިޞާދުގެ ދެ ފަރާތް" ޕެނަލް މަޝްވަރާގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ މާލީ އިދާރާތަކާ ބެހޭގޮތުން ހަޤީޤަތާ ޚިލާފު ޚަބަރުތައް ފެތުރުމަކީ އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭރުގެ ބޭންކުތަކާއެކު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށެވެ. ބޭރުގެ މިފަދަ އެންމެ ގުޅުމެއް ކެނޑިގެންދިޔަ ނަމަވެސް، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރުގައި ތިބޭ ދަރިވަރުންނާއި އެހެނިހެން ފަރާތްތަކުން ބޭންކް ކާޑު ބޭނުންކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް އަލިއަޅުވާލައްވަމުން ސަޢީދު ވިދާޅުވީ، 2023 ވަނަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މަހަކު އެވްރެޖްކޮށް 40 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު އެ އަދަދު 81 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރު ބޭންކުން ވިއްކާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 570 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑޮލަރު ދޫކުރުމުގައި ބޭންކުން އެންމެ އިސްކަމެއް ދެނީ ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށްކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިއްކާ ޑޮލަރުގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ޞިއްޙީ ފަރުވާއަށް ބޭރަށްދާ މީހުންނަށް ދޫކުރާ ޑޮލަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު ޞިއްޙީ ފަރުވާއަށް މަހަކު 1 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެ އަދަދު 3 މިލިޔަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން، ޑޮލަރު އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރުވެސް ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިވާކަން ސަޢީދު ފާހަގަކުރެއްވިއެވެ. ކުރިން ދުވާލަކު 1.6 މިލިޔަން ޑޮލަރު ނަގަމުންދިޔަ ނަމަވެސް، މިދިޔަ މަހު އެ އަދަދު 188 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ކުރިން ބޭރު ޤައުމުތަކަށް ދަތުރުކުރުމަށާއި އޮންލައިން ވިޔަފާރީގައި ރުފިޔާ ކާޑު ބޭނުންކުރި ކަސްޓަމަރުންގެ އަދަދު 90،000 ގައި ހުރި ނަމަވެސް، މިހާރު ބައެއް މަސްމަހު އެ އަދަދު 280،000 އާއި 300،000 އާ ދެމެދުގެ އަދަދަކަށް އަރާ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާރު އެންމެ ދަށްކޮށް ފޮރިން ޓްރާންސެކްޝަން ބޭނުންކޮށްފަ އެބަހުރި 280،000 ކަސްޓަމަރުން. މިއީ ރުފިޔާ ކާޑުތަކުން. މި އަދަދުތަކަށް މިވަގުތުވެސް އަޅުގަނޑުމެން މިދަނީ ކޭޓާ ކުރަމުން. އެހެންނަމަވެސް ދަތިތަކެއް އެބަހުރި. އިރާދުކުރެއްވިއްޔާ މިކުރާ މަސައްކަތުން އެ ދަތިތަކުން އަރައިގަނެ ބޮޑުވެސް ކޮށްދޭނަން،" ސަޢީދު ވިދާޅުވިއެވެ.

ބީއެމްއެލްއާއި ރާއްޖޭގެ އިޤްތިޞާދާ ދެމެދު އޮތް ގުޅުމަކީ 0.96 އިންސައްތައިގެ ގުޅުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ ކޮންމެ އަސަރެއް ބޭންކަށްވެސް ފޯރާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ. މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި އަލަށް ދޫކުރި 8.9 ބިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން ގާތްގަނޑަކަށް 270 މިލިޔަން ޑޮލަރު ދޫކޮށްފައިވަނީ ޑޮލަރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.