އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއަށް

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އެމްޑަބްލިއުއެސްސީއަށް

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 08:16
0

 

އައްޑޫއާއި ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ހިދުމަތް ފެނަކަ ކޯޕަރޭޝަނުން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކުންފުންޏަށް (އެމްޑަބްލިއުއެސްސީ) ބަދަލުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި ދެ ސަރަހައްދުގައި ފެނުގެ ހިދުމަތާ ގުޅިގެން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ހާލަތުގަ އެވެ.

މި ބަދަލު ގެނެވެނީ ސަރުކާރުގެ ހަރަދު ކުޑަކޮށް ދައުލަތުގެ ކުންފުނިތައް ހިންގުން ހަރުދަނާކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީއަށް ބަހާލަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން އެވެ. ފަހުމީ ވިދާޅުވީ، ހިދުމަތް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ 13ގެ ކުރިން ނިންމައި، އެމްޑަބްލިއުއެސްސީން ދެ ސަރަހައްދަށް ހިދުމަތް ދޭން ފެށޭނެ ކަމަށެވެ. އަފީފް ވިދާޅުވީ، ފެނަކައިން ދިން ހިދުމަތަށް ވުރެ ރަނގަޅު ހިދުމަތެއް އެމްޑަބްލިއުއެސްސީން ދޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި އާބާދީއަށް ދެވަނައަށް ބޮޑު ސިޓީ ކަމުގައިވާ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެނާއި ކަރަންޓު ކެނޑުމުގެ މައްސަލަ ގިނައިން ދިމާވެ އެވެ. 10،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ވެސް މި ދަތިތައް ބޮޑެވެ. ފެން ކެނޑުމާއި ބޯފެން ސާފު ނުވުމުގެ ޝަކުވާތައް އިތުރުވުމާ ގުޅިގެން، މިދިޔަ ނޮވެމްބަރު މަހު ފުވައްމުލަކުގެ ފެން ބިލުތައް ވެސް މައާފުކޮށްދިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.