ގެވެށި އަނިޔާގެ މައްސަލަތައް ކޯޓަށް ނުގޮސް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތަށް ފެމިލީ ކޯޓުން އީ-ފޯމް ހިދުމަތެއް ފަށައިފި އެވެ.
ކޯޓުން ބުނީ، މި ހިދުމަތް ފެށީ މައްސަލަ ހުށަހެޅުމުގައި ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް، ރައްކާތެރި ގޮތެއްގައި ފަސޭހައިން ކޯޓަށް ވާސިލުވެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
މިއަދުން ފެށިގެން އޮންލައިންކޮށް ބަލައިގަންނަނީ ގެވެށި އަނިޔާއިން ރައްކާތެރިވުމާ ގުޅުންހުރި ފޯމުތަކެވެ. ކޯޓުގެ އެހެން ހުރިހާ ފޯމެއް ވެސް ކައިރި ދުވަސްތަކުގައި މި ނިޒާމަށް ބަދަލުކުރާނެ އެވެ. ފޯމު ހުށަހަޅާ ފަރާތްތަކަށް ފޯމުގެ ސްޓޭޓަސް ކޮންމެ ވަގުތެއްގައި ވެސް ބަލާލެވޭނެ އެވެ. އަދި ފޯމާ ގުޅޭ ކޮންމެ ބަދަލެއްގެ މައުލޫމާތު އެސްއެމްއެސްއިން ވެސް ލިބޭނެ އެވެ.
ކޯޓުން ބުނީ މި ނިޒާމު ތައްޔާރުކުރީ ކުރީގެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓްރީގެ އެހީތެރިކަމާ އެކު ކަމަށެވެ.
މި ހިދުމަތް ތައާރަފުކުރީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ދުވަސް ފާހަގަކުރާ މިއަދު އެވެ. ކޯޓުން ބުނީ މި ހިދުމަތުގެ މައިގަނޑު މަގުސަދަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގައި ފެމިލީ ކޯޓުގެ ދައުރު ވަރުގަދަކުރުން ކަމަށެވެ. އަދި ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތެއްގައި ވެސް މައްސަލަ ހުށަހެޅޭނެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
ނަމަވެސް ގެވެށި އަނިޔާއަކީ ހަމައެކަނި އަންހެނުންނަށް ކުރިމަތިވާ ކަމެއް ނޫނެވެ. އެހެންކަމުން ގެވެށި އަނިޔާއަށް ހުށަހެޅިފައިވާ ކޮންމެ މީހަކަށް ވެސް މި ހިދުމަތުން ފައިދާ ކުރާނެ ކަމަށް ކޯޓުން ފާހަގަކޮށްފި އެވެ.
ކޮމެންޓު ފޮނުވާ