ސިޔާސީ ވަޒީފާތަކަށް އުފައްދާފައިވާ ކުންފުނިތައް، ދަރަނިދެއްކުމަށް އުވާލަންޖެހޭ: އުޝާމް

ސިޔާސީ ވަޒީފާތަކަށް އުފައްދާފައިވާ ކުންފުނިތައް، ދަރަނިދެއްކުމަށް އުވާލަންޖެހޭ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2022 08:18
0

ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށްޓަކައި، އުފައްދާފައިވާ ކުންފުނިތަކުގައި މިހާރު ހުރި ދަރަނިތައް ދައްކާ ނިންމުމަށްފަހު، ކުންފުނިތައް އުވާލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އަމިއްލަ ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އެކައުންޓްތައް ފްރީޒްކޮށް، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައި ވަނިކޮށެވެ. އެމްއައިޓީޑީސީގެ އެކައުންޓުގައި ހުރި 70،000 ޑޮލަރަށް ވާ ދިވެހި ރުފިޔާ ސިިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ހިފެހެއްޓީ، ކްރިސްޓްލައިން މޯލްޑިވްސް އަށް ދައްކަން ޖެހޭ ފައިސާ ކޯޓުން ކަނޑައެޅި މުއްދަތުގައި ނުދެއްކުމުންނެވެ.

މެމްބަރު އުޝާމް ވިދާޅުވީ، ރައްޔިތުންގެ މާލިއްޔާއިން ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކޮށްގެން އުފައްދާފައިވާ ކަރުދާސް ކުންފިނިތައް އުވާލަންޖެހޭކަމަށެވެ. މިއީ ހަމައެކަނި ސިޔާސީ މަންފާއަށް، ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށް ހަދާ ކުންފިނިތަކަކަށްވާއިރު، މިކުންފުނިތަކުން ދައުލަތް ބޮޑުތަނުން ދަރައި، ދަރަނިވެރިވަމުންދާކަމީ ފެންނަމުންދާ މަންޒަރުކަމަށެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކުންފުނިތަކުގެ ދަރަނިތައް ދެއްކުމަށްފަހު އުވާލުންކަމަށް އުޝާމް ވިދާޅުވިއެވެ.

ސިޔާސީ މީހުންނަށް ވަޒީފާ ދިނުމަށްޓަކާ އުފައްދާފައި ހުރި މިފަދަ ބޭކާރު ކުންފުނިތަކުން ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށްފަހު ކުންފުނިތައް އުވާލަންޖެހޭ. މިއީ ދައުލަތަށް އެއްވެސް ފައިދާއެއްވާ ކުންފުނިތަކެއް ނޫން. ކޮންމެ އަހަރަކު ޓެކްސް ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ބޭކާރު.

– އުޝާމް ވިދާޅުވިއެވެ.

އެމްއައިޓީޑީސީ އަކީ މާލީ ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ކުރިމަތިވި ކުންފުންޏެވެ. އެ ކުންފުނިން ތަރައްގީ ކުރަން މަސައްކަތް ކުރާ ލ. ބަރެސްދޫއާ ގުޅިގެން އެކި ކުންފުނިތަކުން ނަގާފައިވާ ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހުނެވެ. އެ ފަހަރު އެ ފައިސާ ދައްކަން ޖެހުނީ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ނުދިއުމާ ގުޅިގެންނެވެ.

އެމްއައިޓީޑީސީގެ އިތުރުންވެސް ސަރުކާރުން އުފައްދާފައިވާ މިފަދަ ގިނަ ކުންފުނިތަކުގައި މާލީ ގިނަ މައްސަލަތައް ފެންމަތިވެ، ބޮޑެތި އަދަދުތަކުންވަނީ ދަރާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.