ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ޖާގަ ލިބިގެންދަނީ، ޖުޑިޝަލް ސާވިސް ކޮމިޝަންގައި ސިޔާސީ ނުފޫޒު އޮތުމުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެދާ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މިއިސްލާހަކީ މަޖިލީހަށް ބަލައި ގަންނަން ޖެހޭ އިސްލާހެއްކަމަށެވެ. ނަމަވެސް އިސްލާހުގައި ކޮމްޕޮޒިޝަން އޮތްގޮތަކީ އެންމެ ރަނގަޅުގޮތަށް ނުވިނަމަވެސް އިސްލާހު ބަލައި ގަނެ ބަދަލުތަކެއް ގެނެސްގެންވެސް ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަން ވާންޖެހޭކަމަށެވެ.
އުޝާމް ވިދާޅުވީ ޖުޑީޝަރީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެންމެންވެސް އިއްތިފާގުވާ އެއްކަމަކީ މިހާރު ޖޭއެސްސީ އެކުލަވާލެވިގެންވާ ގޮތް ބަދަލު ކުރުންކަމަށެވެ. މިވައުދަކީ ރައީސްގެ ރިޔާސީ ވައުދެއްކަމަށާއި، އަދި މަޖިލިސް ކެމްޕެއިންގައިވެސް ހުރިހާ ފަރާތްތަކުން އެއްބަސްވި ބަދަލެއްކަމަށެވެ.
އުޝާމް ވިދާޅުވީ މަޖިލީހުގައާއި އާންމު އެހެން ތަންތަނުގައިވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ގޮތަށް ވާހަކަ ދައްކައި، އެފުރުސަތު ލިބިގެންދަނީ، މިހާރު ޖޭއެސްސީ ތެރޭގައި ސިޔާސީ ނުފޫޒު އޮތް މިންވަރުންކަމަށެވެ. ކުރީގެ ރައީސް ޔާމީނަށް ހުކުމް ނުކޮށްފިނަމަ، ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެކަމަށް މެމްބަރު އާޒިމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އުޝާމް ވިދާޅުވީ މިއީ ސީދާ ފަނޑިޔާރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ދެކެވުނު ވާހަކަތަކެއްކަމަށެވެ.
އެފަދަ ވާހަކަތައް މިދެކެވެނީ ސިސްޓަމް މިހާރު އޮތް ގޮތުން ޖުޑީޝަރީއަތް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތީމަކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މަކި މީހަކު ޖަލަށް ލާނަމެކޭ ނުބުނެވޭނެ. ވަކި މީހަކު ޖަލަށް ނުލައިފިނަމަ ފަނޑިޔާރުން މަޤާމުން ވަކި ކުރެވޭނެއެކޭވެސް ނުބުނެވޭނެ.
– އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެތަކަށް ނުފޫޒު ފޯރުވޭ ގޮތަށް ވާހަކަ ދައްކުމުގެ ޖާގަ ލިބިގެންދަނީ ޖޭއެސްސީ ތެރޭގއި ސިޔާސީ ނުފޫޒު އޮތުމުންކަމަށެވެ. އެނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ޖޭއެސްސީ ނުވާހާ ހިނދަކު މިފަދަ އިންޒާރުދީ ވާހަކަ ދެއްކުމުގެ ޖާގަ އޮންނާނެކަމަށް އުޝާމް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްހަކީމް ހުށައެޅުއްވި އިޞްލާހަށް ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ، ޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ލޯކަލް ކައުންސިލް އިންތިހާބުން ވެސް އެމްޑީޕީއަށް ކާމިޔާބު ލިބިގެން ދިއުމަަކީ ރައްޔިތުން އެމްޑީޕީ ބަލައިގަނެފައިވާކަން ދައްކުވައިދޭކަމެއްކަމަށެވެ. އެ އިންތިޚާބުން އެނގުނީ އަދިވެސް ތާއީދު އޮތީ އެމްޑީޕީއަށްކަންކަމަށް ޢާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ ރައްޔިތުން އެދޭގޮތަށް ތާހިރު ދިރިއުޅުމެއް އެމްޑީޕީން ހޯދައިދޭން ޖެހޭކަމަށާއި، އެފަދަ ތާހިރު ތަނަކަށް ރާއްޖެ ހަދަން ތިބީ ފަނޑިޔާރުން ކަމަށާއި އެހެން ނަމަވެސް ފަނޑިޔާރުންގެ އަމަލުތަކާމެދު ސުވާލު އުފެދޭކަމަށެވެ. އާޒިމް ވަނީ ރައީސް ޔާމީން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނިންމެވި ނިންމުމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އާޒިމް ވިދާޅުވީ، އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމެވި އެ ނިންމެވުމަކީ ދެކޮޅު ނުޖެހޭ ނިންމުމެއްކަމަށެވެ. އޭނާ ސިފަކުރެއްވީ އެއީ "އަޖައިބެއް ކަހަލަ" ނިންމުމެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ