މިވަގުތު ދުނިޔޭގައި ހުރި އެންމެ މުއްސަދި މަހުޖަނު، ބިލިއަނަރ އެލޮން މަސްކުގެ ޕްރައިވެޓް ޖެޓްގެ ހުރިހާ އުދުހުމެއް ޓްރެކް ކުރަމުންދާ ޓުވިޓަރ އެކައުންޓު ޑިލީޓް ކުރުމަށް އޭނާ ހުށަހެޅި 5،000 ޑޮލަރު ގަބޫލު ނުކުރާނެކަމަށް މި ޓުވިޓަރ އެކައުންޓްގެ ވެރިފަރާތް ކަމުގައިވާ، އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ، އުމުރުން 19 އަހަރުގެ ޖެކް ސްވީނޭ ބުނެފިއެވެ.
އެލޮން ޖެޓް (ElonJet)ގެ ނަމުގައި އޭނާ އޮޕަރޭޓް ކުރަމުންދާ މި ޓުވިޓަރ އެކައުންޓުގައި މިހާރު 150،000 ފޮލޯވަރުން އެބަ ތިއްބެވެ. މި އެކައުންޓުން އެލޮން މަސްކުގެ ޕްރައިވެޓް ޖެޓްގެ ހުރިހާ އުދުހުމެއް އޭނާ މޮނިޓަރ ކުރަމުންދަނީ، މިއުދުހުންތައް ޓްރެކް ކުރުމަށް އޭނާ އުފައްދާފައިވާ ބޮޓެއް ބޭނުން ކޮށްގެންނެވެ. މި ބޮޓުގެ ހުރިހާ ފީޑްތަކެއް މި ޓުވިޓަރ އެކައުންޓުން ޓުވީޓު ކުރަމުން ދެއެވެ. މިގޮތުން، އެލޮން މަސްކުގެ ޕްރަައިވެޓް ޖެޓް އެއަރޕޯޓުން ނައްޓާލާ ވަގުތާއި، ލޭންޑު ކުރާ ވަގުތުތަކާއި ދަތުރުކުރާ ތަންތަނާއި އަދި ދަތުރުގައި ހޭދަކުރާ ވަގުތުވެސް ޓެރެކިންގ މައުލޫމާތުގެ ތެރޭގައި ހިމެނެއެވެ.
އަލަށް ކޮލެޖަށް ދާންފެށި މި ކުއްޖާވަނީ، ދުނިޔޭގެ ހައި ޕްރޮފައިން ޓެކް ކުންފުނިތަކުގެ އެހެން ވެރީން ކަމަށްވާ ބިލް ގޭޓްސްއާއި ޖެފް ބެޒޮސްފަދަ މުއްސަދި މަހުޖަނުންގެ ޕްލައިޓްތައްވެސް ޓްރެކް ކުރެވޭ ގޮތަށް ފްލައިޓް ބޮޓް އެކައުންތައް އުފައްދާފައެވެ.
Took off from Hawthorne, Elon got PIA blocking program but already found the aircraft. pic.twitter.com/nOxNUxy5y5
— Elon Musk's Jet (@ElonJet) January 26, 2022
އެލޮމް މަސްކުގެ ޕްރައިވެޓް ޖެޓްގެ ހުރިހާ އުދުހުމެއް މޮނިޓަރ ކުރަމުންދާ އެކައުންޓް އޮޕަރޭޓް ކުރަމުންދާ ސްވީނޭއަށް މަސްކުގެ ފަރާތުން ޑިރެކްޓް މެސެޖެއް އެންމެ ފުރަތަމަ ދުވަހު ލިބިފައިވަނީ ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ 30ވަނަ ދުވަހުއެވެ.
"މި އެކައުންޓް ނައްތާލެވިދާނެތަ؟،" މަސްކު ސްވީނޭއަށް ޑިރެކްޓް މެސެޖުން ސުވާލު ކޮށްފައި ވެއެވެ. "ތިޔައީ ސަލާމަތީ ރިސްކު އެކުލެވޭ ކަމެއް."
މަޝްހޫރު ޓެސްލާ ކުންފުނި އަދި ސްޕޭސް އެކްސްގެ ސީއީއޯ އެންމެ ފަހުންވަނީ، މި އެކައުންޓު ޑިލީޓު ކުރުމަށް އެދި "މޮޔައިން އޭނާގެ ފްލައިޓްތަކުގެ ފަހަތުން ދުވުން ހުއްޓުވުމަށް ކަމަށް" ބުނެ 5،000 އެމެރިކާ ޑޮލަރު މި ޒުވާނާއަށް ހުށަހަޅާފައެވެ. މަސްކގެ މި ހުށަހެޅުން ރައްދުކޮށް ސްވީނޭ ވަނީ އޭނާއަށް 50،000 އެމެރިކާ ޑޮލަރު ދިނުމަށް ހުށަހަޅާފައެވެ. އޭނާ ބުނެފައިވަނީ މިފައިސާ އޭނާގެ ކޮލެޖަށް ދެއްކުމަށް ނުވަތަ ޓެސްލާ މޮޑެލް 3 (އެލޮން މަސްކުގެ ޓެސްލާ ކުންފުނިން އުފައްދާގައި އެންމެ ފަހުގެ މޮޑެލްގެ ކާރު)ގެ ކާރެއް ގަތުމަށް ހޭދަ ކުރެވިދާނެކަމަށް ބުނެފައެވެ.
"ތަންދޮރު ނުފިލާ މީހެއްގެ ޝިކާރައަކަށް ވާކަށް އަހަރެން ބޭނުމެއް ނުވޭ،" މަސްކް ޖަވާބުގައި ވިދާޅުވެފައި ވެއެވެ.
ސީއެންއެންއަށް ލިބިފައިވާ، މި ޒުވާނާއާއި އެލޮން މަސްކާ ދެމެދު ކުރެވިފައިވާ މުއާމަލާތުގައި، މަސްކު އެންމެ ފަހުން މި ޒާވާނާއަށް ދީފައިވާ ޖަވާބަކީ، "މި އެކައުންޓް ބަންދު ކުރުމަށް އަގެއް ދެއްކުމަކީ އެންމެ ރަގަޅު ކަމެއްކަމަށް ގަބޫލު ނުކުރެވޭ،" ކަމަށް ބުނެ ފޮނުވާފައިވާ މި މެސެޖެވެ.
"އަގެއް ދޭން ބޭނުން ނުވާނަނަމަ އިންޓާންޝިޕަކަށް ފުރުސަތު (ތަމްރީން ހޯދުމުގެ ފުރުސަތު) ދީފިނަމަ އެއީވެސް ވަރަށް ފަސޭހައިން މި އެކައުންޓް ޑިލީޓް ކުރެވިދާނެ ގޮތެއް،" ސްވީނޭ އެންމެ ފަހުން އެލޮން މަސްކަށް ޖަވާބުގައި ބުނެފައި ވެއެވެ. އެހެންނަމަވެސް ސްވީނޭގެ މި މެސެޖަށް އެލޮން މަސްކު އަދި ޖަވާބު ދީފައެއް ނުވެއެވެ.
ސްވީނޭ ބުނެފައިވާ ގޮތުގައި އޭނާއަކީ، އެލޮން މަސްކުގެ ސްޕޭސް އެކްސްއިން 2018ވަނަ އަހަރު ފެލްކޮން ރޮކެޓް ޖައްވަށް އުދުއްސާލިފަހުން ސްޕޭސްއެކްގެ ވަރަށްބޮޑު ފޭނެކެވެ. އަދި ސްވީނޭގެ ބައްޕައަކީ އެއަރލައިނެއްގައި މަސައްކަތް ކުރާ މީހަކަށްވާތީ އޭގެ ސަބަބުންވސް ސްވީނޭގެ ޝައުގުވެރިކަން އޭވިއޭޝަންގެ ދާއިރާއަށް ވަނީ އިތުރު ވެފައެވެ.
"5،000 ޑޮލަރަކީ މިކަން ހުއްޓާލުމަށް އަރެންނަށް އެއްވެސް އެއްޗެއް ނޫން،" ސްވީނޭ ބުނެފައި ވެއެވެ. "އޭގެއިން ލިބޭ އެއްވެސް ބަދަލެއް ނެތް، ވަކީން ޚާއްސަކޮށް މީގެއިން ލިބޭ ހިންހަމަ ޖެހުމާ އަޅާ ބަލާއިރު."
ސްވީނޭ ވަނީ، ބިލިއަރ އެލޮން މަސްކަށް ޓެކްނިކަލް ބައެއް މައުލޫމާތުވެސް ފޯރު ކޮށްދީފައެވެ. އޭގެ ތެރޭގައި ފްލައިޓް ޓްރެކިންގ ޕްރޮގްރާމް ބްލޮކް ކުރާނެ ޕްރޮގްރާމްތަކާ ބެހޭ ބައެއް މައުލޫމާތުވެސް ހިމެނެއެވެ.
"ބެލެވޭ ގޮތުގައި އޭނާ އަހަރެން ދިން ބައެއް އިރުޝާދުތަކުގެ ބޭނުން އެބަ ކުރޭ،" މަސްކު މިހާރު ފްލައިޓް ޓްރެކިންގ ބްލޮކް ކޮށްދޭ ޕްރޮގްރާމްތަކުގެ ބޭނުން ކުރަމުންދާ ކަމަށް ބެލެވޭކަން ހާމަކުރަމުން ސްވީނޭ ބުނެފައި ވެއެވެ.
އަދި އެއާއި އެކުވެސް ސްވީނޭއަށް މިހާރުވެސް އެލޮން މަސްކުގެ ޖެޓްގެ ހުރިހާ ދަތުރުތަކެއް މޮނިޓަރ ކުރެވޭތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އަދިވެސް ކުރެވޭ ކަމަށެވެ. "އެހެންނަމަވެސް މިހާރު ތަންކޮޅެއް އުދަގުލުން،" ސްވީނޭ ބުނެފައި ވެއެވެ.