الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ޝައްކެއްނެތް ގޮތުގައި ޚުޠުބާ ކުރުވުމަކީ ޚަޠީބުގެ ވިސްނުންތެރިކަމާއި ބަލާޣާތްތެރިކަން އަންގައިދޭ ކަމެކެވެ. އެހެނީ މަދު ލަފްޡުކޮޅެއްގައި ގިނަ މާނަ އެކުލެވޭ ފަދަ ޢިބާރާތްތަކެއް ބުނުމެވެ.
އަދި ޚުޠުބާ ދިގު ކުރުމުގެ ސަބަބުން އަޑުއެހުންތެރިން އެއިން އެއްބައި ހަނދާން ނެތިދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚުޠުބާ ދެއްވަނީ ވަރަށް ކުރުކޮށް ގިނަ މާނަ އާއި ނަޞޭޙަތް އެކުލެވޭ ގޮތަށެވެ. އޭގެ ސަބަބުން މީސްތަކުން ވަރަށް ފަސޭހައިން ދަސްކޮށްލައެވެ.
قَالَ أَبُو وَائِلٍ : خَطَبَنَا عَمَّارٌ – أي : ابن ياسر – فَأَوْجَزَ ، وَأَبْلَغَ ، فَلَمَّا نَزَلَ قُلْنَا : يَا أَبَا الْيَقْظَانِ لَقَدْ أَبْلَغْتَ وَأَوْجَزْتَ فَلَوْ كُنْتَ تَنَفَّسْتَ – أي : أطلتَ – ، فَقَالَ : إِنِّي سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : ( إِنَّ طُولَ صَلَاةِ الرَّجُلِ وَقِصَرَ خُطْبَتِهِ مَئِنَّةٌ مِنْ فِقْهِهِ ، فَأَطِيلُوا الصَّلَاةَ ، وَاقْصُرُوا الْخُطْبَةَ ، وَإِنَّ مِنْ الْبَيَانِ سِحْراً ) . رواه مسلم ( 869.)މާނައަކީ: އަބޫވާއިލް ވިދާޅުވިއެވެ. ޢައްމާރު ބިން ޔާސިރް- ރަޙިމަހުﷲ- އަހަރުމެންނަށް ޚުޠުބާ ދެއްވިއެވެ. އެކަލޭގެފާނު ޚުޠުބާ ވަރަށް ކުރުކުރެއްވިއެވެ. އެކަލޭގެފާނު މެމްބަރުން ފައިބާ ވަޑައިގަތުމުން ތިމަންމެން ބުނީމެވެ. "އޭ އަބުލް ޔަގަޡާން އެވެ. ހާދަހާ ކުރު ޚުޠުބާ އެކެވެ. ތަންކޮޅެއް ދިގުކޮށްލެއްވިނަމައެވެ." ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "މީހާގެ ނަމާދު ދިގުވެ، ޚުޠުބާ ކުރުވުމަކީ އޭނާގެ ވިސްނުންތެރިކަން އަންގައިދޭ ކަމެކެވެ. ފަހެ ތިޔަބައިމީހުން ނަމާދު ދިގު ކުރާށެވެ. އަދި ޚުޠުބާ ކުރުކުރާށެވެ. ހަމަކަށަވަރުން ބަޔާން ކުރުމަކީ ހުނަރުވެރި ކަމެކެވެ." މިއީ އިމާމް މުސްލިމް ރިވާ ކުރެއްވި ރިވާޔަތެކެވެ.
ޚުޠުބާ ކުރުކޮށް ނަމާދު ދިގު ކުރުމާއި މެދު ޢިލްމުވެރިންގެ ބަސްފުޅުތައް ތިރީގައި ހިމަނާލާނަމެވެ.
- އިބްނު ޢަބްދިލް ބައްރި- ރަޙިމަހުﷲ- ވިދާޅުވިއެވެ. ޚުޠުބާ ކުރު ކުރުމަކީ ސުންނަތެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް އަމުރު ކުރައްވާ އެގޮތަށް އެކަން ކުރެއްވިއެވެ. وفي حديث عمار بن ياسر " أمرنا رسول الله صلى الله عليه وسلم بقصر الخطبة " ، وكان يخطب بكلمات طيبات ، قليلات ، وقد كره التشدق ، والتفيهق .މާނައަކީ: ޢައްމާރު ބިން ޔާސިރު ރިވާ ކުރެއްވި ޙަދީޘް ގައި އައިސްފައިވެއެވެ. "ޚުޠުބާ ކުރު ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރުމެންނަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނު ޚުޠުބާ ދެއްވަނީ ރިވެތި، މަދު ބަސްކޮޅުތަކަކުންނެވެ. މާނަ އެއް ނެތް ބޭކާރު ވާހަކަ ދެއްކުމާއި، މީސްތަކުން ފޫހިވާ ފަދަ ވާހަކަ ނުދައްކަވައެވެ." އެހެންކަމުން ޚުޠުބާ ދިގުވެގެން ގޮސް އޭގެ އެއްބައި ހަނދާން ނެތޭ ވަރު ކުރުމަކީ ޢިލްމުވެރިން ރުހިވޮޑިގެންވާ ގޮތެއް ނޫނެވެ. ޢިލްމުވެރިން ބޮޑަށް ބާރުއަޅުއްވަނީ ކުރުކޮށް މީސްތަކުންނަށް ދަސްކޮށްލެވޭ ވަރުވުމެވެ. އެކަންވާނީ ޚުޠުބާ ކުރުކޮށްގެންނެވެ." އަލްއިސްތިޛްކާރު 2/363-364.)
- އިބްނު ޙަޒްމު- ރަޙިމަހުﷲ- ވިދާޅުވިއެވެ. "ޚުޠުބާ ދިގު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ." (އަލްމުޙައްލާ 5/60.)
- އައްޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެންމެ އައުލާކަން ބޮޑު ގޮތަކީ ޚުޠުބާ ކުރުކުރުމެވެ. ސަބަބަކީ ޚުޠުބާ ކުރުކުރުމުގައި ދެފައިދާ އެއް ވެއެވެ. އެއީ:
ފުރަތަމަ: އަޑުއެހުންތެރިންނަށް ފޫހި ނުވެ ޚުޠުބާ އަޑުއަހަން ތިބެވުން. އެހެނީ ޚުޠުބާ ދިގު ކޮށްފިނަމަ މީސްތަކުން ވަރުބަލިވެ ފޫހިވުން އެކަށީގެންވެއެވެ.
ދެވަނަ: ޚުޠުބާ ގައި ކިޔާ އެއްޗެއް ދަސްކުރުމަށް އަޑުއެހުންތެރިންނަށް ފަސޭހަވުން. ސަބަބަކީ ޚުޠުބާ ދިގުކޮށްފިނަމަ ނިމޭ އިރު ކުރީކޮޅުގައި ކީއެއްޗެއް ހަނދާނެއް ނުހުންނާނެއެވެ. ނަމަވެސް ޚުޠުބާ ކުރުވެއްޖެނަމަ މީސްތަކުންނަށް ދަސްކުރަން ފަސޭހަވާނެއެވެ.
އެހެންވެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِنَّ طُولَ صَلَاةِ الرَّجُلِ وَقِصَرَ خُطْبَتِهِ مَئِنَّةٌ مِنْ فِقْهِهِ)މާނައަކީ: ""މީހާގެ ނަމާދު ދިގުވެ، ޚުޠުބާ ކުރުވުމަކީ އޭނާގެ ވިސްނުންތެރިކަން އަންގައިދޭ ކަމެކެވެ." މިކަމުގައި ބޮޑަށް ވިސްނަން ޖެހޭނީ މީސްތަކުންގެ ޙާލަތަށެވެ. ޙާލަތު ތަންދޭ ގޮތުން ބައެއް ފަހަރު ޚުޠުބާ ދިގު ކުރުމަކީ މައްސަލަ އެއް ނޫނެވެ. (އައްޝަރްޙުލް މުމްތިޢު އަލާ ޒާދިލް މުސްތަގްނިޢު 5/65.)
މިކަމުގައި ވިސްނަން ޖެހޭ ކަމަކީ ޚުޠުބާ ކުރުކުރީނުން ގޮސް އެއްވެސް ފައިދާ އެއް ނުކުރާ ވަރަށް ކުރުކޮށްގެންވެސް ނުވާނެއެވެ. އަދި ދިގުކުރި ކުރީނުން ގޮސް މީސްތަކުން ފޫހިވާ ވަރަށް ދިގުކޮށްގެންވެސް ނުވާނެއެވެ. ކަންކުރަންވާނީ ދޭތެރެ މެދުގެ މިންވަރަކަށެވެ.
والله أعلم.
ކޮމެންޓު ފޮނުވާ