މިއަހަރުގެ ޖުލައިމަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 17 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ޖުލައިމަހުގެ މާލީ ރިޕޯޓުގައިވާގޮތުން، މިއީ މިދިޔަ އަހަރުގެ ޖުލައިމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 12 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %43 އިތުރު އަދަދެކެވެ. މީގެއިތުރުން، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ޖުމުލަ 97 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 73 މިލިޔަން ރުފިޔާގައެވެ. މިއީ %31 ގެ ކުރިއެރުމެކެވެ.
މުދަލު ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން މިދިޔަ އެޕްރީލްމަހުގެ 21ވަނަ ދުވަހު ކަނޑައަޅާފައިވާ ގޮތުން، ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ 21,836.50 ރުފިޔާއެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މި ނިޞާބަށްވެސް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. މީރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށްވެސް މުދަލު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ކޮންމެ މީހަކުވެސް ދައްކަންޖެހޭ ޒަކާތުގެ މިންވަރު އެ ވެބްސައިޓު މެދުވެރިކޮށް ބަލާލެވޭނެއެވެ.
މީގެއިތުރުން، މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ މިއަހަރުގެ ހައްޖުމަހުގެ 1 އާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ 2,384 ފަރާތަކަށް މުދަލު ޒަކާތުގެ ފައިސާ ބަހާފައެވެ. އެގޮތުން ބޮލަކަށް 5,500 ރުފިޔާގެ މަގުން ޖުމުލަ 13,112,000 ރުފިޔާ ބަހާފައިވާއިރު، މިއީ މުދަލު ޒަކާތުގެ ގޮތުގައި މިހާތަނަށް ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދެވެ.
ކޮމެންޓު ފޮނުވާ