އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ކުރިއަށްގެންދާ މަޝްރޫޢަކީ "ޔަހޫދީ އާބާދީއެއް" ކަމަށް ބުނުމަކީ ހަޤީގަތް އޮޅުވާލުމަށް ދައްކާ ދޮގެއް ކަމަށާއި، ސިޔާސީ މަންފާއަށްޓަކައި ދީނީ ޝުޢޫރުތައް ބޭނުންކުރުމެއް ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުންނެވެ. އެ ޕޯސްޓުގައި ރައީސް ޔާމީން ވިދާޅުވީ، ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކުރާ މުސްލިމް މުޖުތަމަޢެއްގައި ޔަހޫދީ އާބާދީއެއް ޤާއިމުކުރުމަށް މަގުފަހިވާ ފަދަ މަޝްރޫޢުތައް ހިންގުމަކީ އީގަލް ހިލްސްގެ މުނާފިޤުކަން ދައްކުވައިދޭ ކަމެއް ކަމަށާއި، މި ކުންފުނިން ފައިދާ ނަގަނީ ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ސަރުކާރަކުން ކަމަށެވެ.
މީގެ ރައްދުގައި އިޙްސާން ވިދާޅުވީ، ފަލަސްޠީނާއެކު ދިވެހިން ދެމިތިބުމަކީ ބިރުވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ނުހެދޭނެ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މި އިންވެސްޓްމަންޓް ހަޤީގަތަކަށް ނުވާތީ، މިއަދު އެކަން ގޯސްކޮށް ސިފަކުރުމުގެ ހައްގެއް އެ މަނިކުފާނަށް ނެތް ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ. ދީނީ ބައިބައިވުން އުފައްދައި ރައްޔިތުންނަށް އޮޅުވާލުން ހުއްޓާލުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އީގަލް ހިލްސްއާއެކު ވަނީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. މި މަޝްރޫޢުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދި، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީ ލިބޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ