އިރާގުގެ އުތުރުގައި ހޮނިހިރު ދުވަހު އީރާނުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ. މިއީ އޭގެ ކުރީ ދުވަހު ޖޯޑަންގައި ހުންނަ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އިތުރު ސިފައިންގެ މީހަކު ގެއްލިފައިވަނިކޮށް ހިނގައިދިޔަ ހާދިސާއެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ވައްޓާލެވުނު އީރާނުގެ އެޓޭކް ޑްރޯނަކުން ނުގޮވާ ހުރި ގޮވާތަކެއްޗެއް "ކޮންޓްރޯލްކޮށްގެން ގޮއްވާލުމުގެ" ތެރޭގައި އޭނާ މަރުވެފައިވާ ކަމަށާއި، މި ހާދިސާގައި އިތުރު ސިފައިންގެ މީހަކު ޒަޚަމްވެފައިވާ ކަމަށެވެ. ސެންޓްކޮމުން ބުނީ ހުކުރު ދުވަހު ޖޯޑަންގައި ދިން ހަމަލާ ދިން ތަން ބެލިބެލުމުގައި "ނޭނގޭ ހަށިގަނޑެއްގެ ބައިތަކެއް" ފެނިފައިވާ ކަމަށާއި، އެ ހަށިގަނޑުގެ ބައިތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިކަން ހިނގާފައި މިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތަކުގެ އަށްވަނަ ދުވަހުއެވެ. ފާއިތުވި ދުވަސްތަކުގައި ދެ ފަރާތުންވެސް އަނެއް ފަރާތުގެ މުހިއްމު އިންފްރާސްޓްރަކްޗަރތަކަށް ހަމަލާ ދޭކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ. މީގެ އިތުރުން، ވޮޝިންޓަނުން ވަނީ އީރާނުގެ ބަނދަރުތައް އަނެއްކާވެސް ބްލޮކޭޑްކޮށްފައެވެ. އަދި ތެހެރާނުން ވަނީ ސްޓްރެއިޓް އޮފް ހޮރްމުޒް ބަންދުކޮށްފައިވާ ކަމަށް އިއުލާނުކޮށް، ސަރަހައްދުގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތަކަށް ހަމަލާ ދޭން ފަށައިފައެވެ. މިކަންކަން މިހެން ދިމާވެފައި މިވަނީ، ފެށިގެން މަހެއް ނުވަނީސް ފުރަތަމަ ސީސްފަޔަރ އެއްބަސްވުން ރޫޅިގެންގޮސްފައި ވަނިކޮށެވެ.
އެންމެ ފަހުން އެމެރިކާއިން ދިން ހަމަލާތަކާ ބެހޭގޮތުން އެ ގައުމުގެ އަސްކަރިއްޔާއިން ބުނީ، އެ ހަމަލާތައް އަމާޒުކުރީ ސްޓްރެއިޓް އޮފް ހޮރްމުޒްގައި "ވިޔަފާރި ބޯޓުފަހަރަށް އީރާނުން އޮތް ނުރައްކާ ކުޑަކުރުމަށާއި،" ޖޯޑަންގައި ދިން ހަމަލާގެ ޒިންމާ ނަގަން ޖެހޭ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ފައުޖުތަކަށް "ހަލުއިކަމާއެކު އަދަބު ދިނުމަށް" ކަމަށެވެ. ޖޯޑަންގައި ހުރި މަރުކަޒުގެ ތެރެއިން ނަގާފައިވާ ވީޑިއޯއިން ފެންނަނީ ދެ ހަމަލާއެއް އެރި މަންޒަރާއި ބާރު ގޮވުމެއް ގޮވާ މަންޒަރެވެ.
މިހާރު ހިނގަމުންދާ ކޯޅުމުގައި މަރުވި އެމެރިކާ ސިފައިންގެ އަދަދު 17 އަށް އަރާފައިވަނީ، މި މަހުގެ ކުރީކޮޅު ގެއްލުނު އެމެރިކާގެ ނޭވީ ޕައިލެޓެއް މަރުވެފައިވާ ކަމަށް އިއުލާނުކުރުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ