އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު އަދި ވަކި ގޮތެއް ނުނިންމަވާކަމަށް މިނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސާލިޙު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިއަދު ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވި ނަމަވެސް، ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާމެދު އަދި ވަކި ގޮތެއް ނިންމަވާފައި ނުވާކަމަށް އެމަނިކުފާނު ވަނީ އެމްޑީޕީގެ އިސް ބައެއް ފަރާތްތަކަށް ޔަގީންކޮށްދެއްވާފައެވެ. އެހެންނަމަވެސް، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ރައީސް ސާލިޙު ވަރަށް އަވަހަށް ވަކި ގޮތެއް ނިންމަވާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ސާލިހުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުންވެސް މިކަމާއި ގުޅޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ސާލިޙު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ފެންމަތިވެފައި މިވަނީ، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެޕާޓީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފާޅުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޕާޓީގެ ރައީސް އަބުދުالله ޝާހިދުއާއި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އަދި ޕާޓީގެ ރައީސް އަބުދުالله ޝާހިދު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ލޯންޗު ކުރުމަށް މި ހަފްތާ ބަންދުގައި އައްޑުއަށް ޚާއްސަ ދަތުރެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސިޔާސީ މަޝްރަޙު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ރައީސް ސާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާމެދު ގޮތެއް ނިންމެވުމުގެ ކުރިން، ޕާޓީގެ ތެރޭގައި ތާއީދު އިތުރުކުރެއްވުމުގެ މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވާނެއެވެ.
އެމްޑީޕީގެ ކުރިޔަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ފާޅު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ