ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށުމަށް ހަމަޖެހިފައިވާކަމަށް ޓުވަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގުޅިގެން ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާއި އެކު ދަތުރުފަތުރުކުރުމުގައި ފަތުރުވެރިންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް އަލުން ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިކަން ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކަމެއް ދީފައިވަނީ އާންމު ރައްކާތެރިކަމަށެވެ. ޓުވަރިޒަމް މިނިސްޓަރ ޑރ.މައުސޫމް މިދިޔަ މަހުގެ31 ވަނަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ރައްކާތިކަމުގެ ފިޔަވަޅަކީ ފަތުރުވެރިކަން ފުޅާކުރުމަށް އެންމެ އިސްކަންދޭންޖެހޭ ކަންތައްކަމަށެވެ.
މިކަމުގައި "ނުބީހެންޏާ ކަނޑާ ހަމައެއްނޫނެވެ" ކުރިއަށްދެވޭނީ ފުރިހަމައަށް ޒިންމާދާރުވެ، އެމަގުން އަމަލުކޮށްގެންނެވެ. ދަތި އުނދަގޫތަކާއި އެކުވެސް ފުރިހަމައަށް ޒިންމާ އަދާކުރައްވާ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް.
– ޑރ.އަބްދުﷲ މައުސޫމް
ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުވެރިން ކޯވިޑަށް ޕޮޒިޓިވް ވަމުންދާއިރު، ރިޒޯޓްތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފެށުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ރިޒޯޓު ތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަނީ. ފަތުރުވެރިަކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު. ޝުކުރިއްޔާ ރައީސް ޞާލިޙް . ޝުކުރިއްޔާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ.
– ޑރ.އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލި ދުވަސްކަމަށްވާ ޖުލައި 15 އިން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް 41766 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރމަހުގެ ނިޔަލަށް ރާއްޖެ އައި 21309 ފަތުރުވެރިންނެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1590 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިހާތަނަށް ފަތުރުވެރިންނަށް ޙިދުމަތްދޭ 294 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މީގެތެރޭގައި ހިމެނެނީ، 120 ރިސޯޓާއި، 5 ހޮޓަލާއި، 120 ސަފާރީ އަދި 49 ގެސްޓުހައުސްއެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިކަމުގެ 32464 އެނދު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ. މީގެތެރެއިން 28390 އެނދަކީ ރިސޯޓުތަކުގެ އެނދެވެ.
ކޮމެންޓު ފޮނުވާ