ޕެންޑެމިކަށް 3 އަހަރު ވެގެންދިޔައިރު، އިންތިޒާމްތައް ސުމެއް: އުޝާމް

ޕެންޑެމިކަށް 3 އަހަރު ވެގެންދިޔައިރު، އިންތިޒާމްތައް ސުމެއް: އުޝާމް

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2022 09:23
0

ކޯވިޑް-19ގެ ބަލިމަޑު ކަމަށް 3 އަހަރު ވެގެންދިޔައިރު، ސަރުކާރަށް ދަސްވިކަމެއް، ރޭވުނު އިންތިޒާމެއް ނެތްކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ ހުރިހާ ރައްޔިތުން ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިލްތިމާސްކުރައްވައި ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި އުޝަމް ވިދާޅުވީ، ބޫސްޓަރ ޑޯޒް ޖެހުމަށްވެސް އެތައް ބަޔަކު ކިއުޖެހި، ވެކްސިން ނުޖެހިގެން އުޅޭއިރު މިކަމުގައި ސަރުކާރުގެ އެއްވެސް އިންތިޒާމެއް ނެތްކަމަށެވެ.

ސަރުކާރަށް ކޯވިޑްގެ ޕެންޑަމިކްގައި ކަންކަން ރަނގަޅުކޮށް ކަންކަން ދަސްކުރަން 3 އަހަރު ލިބިގެން ގޮސްފައިވާއިރު، ދަސްވިކަމެއް ކުރެވުނު އިންތިޒާމެއްނެތްކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

އަވަހަށް ބޫސްޓަަރ ޖަހަންވެގެން އަވަހަށް އެޕޮއިންޓްމަންޓް ހެއްދީ. އެޕޮއިންޓްމަންޓް ދިން ގަޑިއަށް ގޮސްގެން އަދިމިއުޅެނީ ފުރަތަމަ ކިއުއިން ސަލާމަތްނުވެގެން. ޕެންޑެމިކްއަށް 3އަހަރުވެގެން ދާއިރު ސަރުކާރަށް ދަސްވިކަމެއް ނެތް. އިންތިޒާމްތައް ހަމަ ސުމެއް. މިއަށްވުރެ ރަގަޅު ކުރެވެންވާނެ.

– އުޝާމް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވެފައިވާއިރު، ސަރުކާރަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް އިންތިޒާމުތައް ހަމަ ނުޖެއްސޭތީ ގިނަބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުން އަންނަ ކޯވިޑްގެ އޮމިކްރޯން ވޭރިއެންޓާ ދެކޮޅަށް އަޅަން އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ބޫސްޓަރ ޑޯޒް ކަމަށެވެ. އެހެންކަމުން ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށް 6 މަސް ފުރިހަމަވެފައިވާ ފަރާތްތަކުން އަވަހަށް ބޫސްޓަރ ޑޯޒް ޖެހުމަށް ރައީސްވަނީ އިލްތިމާސްކުރައްވާފައެވެ.

އެޕޮއިންޓްމަންޓް އުސޫލުން ވެކްސިން ޖަހަން ހުކުރު ދުވަހު ހުޅުވާލިނަމަވެސް ވެކްސިންގެ ބޫސްޓަރ ޑޯޒް ޢާއްމުނަށް ޖަހަން ފެށީ މިއަދުއެވެ. ކޯވިޑުން ދިފާޢުވުމަށް ހިންގާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން ބޫސްޓަރ ޑޯޒް ޢާއްމުނަށް ޖަހަން ފެށީ ކޭސްތައް އިތުރުވެ ބަލީގެ އިތުރު ރާޅަކާ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ބޫސްޓަރ ޑޯޒް ޖަހައިދެމުން ގެންދިޔައީ ހަމައެކަނި ޚާއްސަ ކެޓަގަރީތަކަށް ނިސްބަތްވާ މީހުންނަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި ޙަރަކާތްތެރިވާ މީހުންނަށާއި ބައްޔަކާ ގުޅިގެން ނުވަތަ ގުނަވަން ބަދަލުކުރުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް އެވްރެޖްކޮށް ދުވާލަކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު 1000އާ ގާތްވުމުގެ ސަބަބުން އެޗްޕީއޭއިންވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ޢާއްމުނަށް ހުޅުވާލާފައެވެ. ވެކްސިންޖެހުމަށްBook.hpa.gov.mv މެދުވެރިކޮށް ރަޖިސްޓަރވާން ޖެހެއެވެ.

ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިދެމުންދަނީ ދަމަނަވެއްޓާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލާއި ދަރުބާރުގެއިންނެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހަންޖެހޭ އާބާދީއަށް ނިސްބަތްވާ ހުރިހާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.