ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނުވާން ޖެހޭނީ 10 ދުވަހަށް ކަމުގައި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ބަލީގެ އެއްވެސް އަލާމާތެއް ނެތިއްޔާ ކަރަންޓީނުވާން ޖެހޭނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން 10 ދުވަހަށެވެ. ޕޮޒިޓިވްވެފައިވާ މީހަކާ ކޮންޓެކްޓް ވެފައިވާ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ވެސް ދެ ގޮތަަކަށް ލުޔެއް ދޭން ނިންމާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ކޯވިޑް ޖެހޭ މީހުންނާއި ކޮންޓެކްޓުވި މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ކުރާނީ ދިހަ ދުވަހަށް ކަމަށާއި ނުވަތަ ފަސް ދުވަސް ފަހުން ޓެސްޓް ކުރުމަށް ފަހު ޓެސްޓް ނެގެޓިވް ވެއްޖެނަމަ ވަގުތުން ދޫކޮށްލާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ނަޒްލާ ވިދާޅުވީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުން، ހަމަ ކުރިން ވެސް އޮތް ގޮތަށް، 14 ދުވަހު ކަރަންޓީނުވުމަށްފަހު ދޫކޮށްލެވޭނީ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާއެކީ ކަމަށެވެ. މީގެ އިތުރުން، ސްކޫލްތައް ހުޅުވޭތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށް ވެސް ނަޒްލާ ފާހަގަކުރެއްވިއެވެ.
އެގޮތުން، ރާއްޖެއިން ބޭރުން އަންނަ މުވައްޒަފުން އަދި ދަރިވަރުންނަށް ވެސް ސްކޫލަށް ނިކުމެވޭނީ ގައުމަށް އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދޭތެރޭ ޓެސްޓް ހެދުމަށްފަހު ނެގެޓިވް ނަތީޖާއަކާ އެކީއެވެ. މޮނީޓަރިންގައި އޮތް ރަށަކުން އަންނަ ދަރިވަރުންނަށާއި މުވައްޒަފުން ވެސް މިގޮތަށް އަމަލުކުރަން ވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މާލޭ ސަރަޙައްދުގައި ކޯވިޑްބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒްކުރަން ފަށާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓުތަކާއި އެއްވުންތައް ބޭއްވުން މަނާކުރުން ހިމެނެއެވެ. އަދި 50 މީހުންނަށްވުރެ މަދު މީހުން ހިމަނައިގެން ބާއްވާ މިފަދަ ހަރަކާތްތައްވެސް އެޗްޕީއޭގެ ގައިޑްލައިނާ މިންގަނޑުތަކާ އެއްގޮތައް ނޫނީ ނުބޭއްވުމަށް ވަނީ އަންގަވާފައެވެ.
ކޮމެންޓު ފޮނުވާ